އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުގައި ތޯހާ މުހައްމަދުގެ ހެޓްރިކާއެކު ފްރެންޑްސް ކްލަބު ކަޓުވާލާ، ހޯދަޑުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗު 6-2ގެ ނަތީޖާއަކުން ހޯދަޑު ކާމިޔާބު ކުރި އިރު، މެޗުން ބަލިވެ ފްރެންޑްސް ވަނީ ކަޓާފައެވެ.

މިރޭގެ މެޗަކީ ކުއާޓާއަށް ދިޔުމަށް ދެޓީމަށްވެސް މުހިއްމު މެޗެކެވެ. ގްރޫޕް ސްޓޭޖުގައި ދެޓީމުންވެސް ކުޅުނު ފަހު މެޗަކީ މިރޭގެ މެޗަށްވާ އިރު، ފްރެންޑްސް ކްލަބަށް މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. ހޯދަޑަށް ޕޮއިންޓަކުން ފުއްދާލެވެން އޮތް ނަމަވެސް، އެޓީމަށްވެސް މުހިއްމުވީ މޮޅެއް ހޯދުމަށެވެ.

ހޯދަޑާއި ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ހޯދަޑުންނެވެ. މެޗުގެ ކުރީކޮޅުގައި އަހުމަދު ސިނާހްގެ ނުރައްކާ ފާހަގަކޮށްލެވުނު އިރު، މެޗުގެ ފުރަތަމަ ގޯލްވެސް ޖެހީ އޭނައެވެ. ސިނާހްގެ ގޯލާއެކު ހޯދަޑުން ހަމަޖެހިލައިގެން ކުޅުނު އިރު، އެޓީމުން މާ ގިނައިރެއް ނުވެ، ދެވަނަ ގޯލެއްވެސް ޖަހާ، މެޗުގައި ދެ ގޯލްގެ ލީޑެއް ނެގިއެވެ. ފްރެންޑްސްގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު މުހައްމަދު ރިފްޝާން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

ރަނގަޅު ޓެމްޕޯއެއްގައި މެޗު ފެނިގެން ދިޔަ އިރު، ހަމަލާތައްވެސް ގިނައެވެ. ގިނަ ގޯލްތަކެއް ފުރަތަމަ ހާފްގައިވެސް ފެނިގެންދިޔަ މެޗު ވެގެންދިޔައީ ބަލާލަން ފޯރިގަދަ، ހިތްގައިމު މެޗަކަށެވެ.

ހޯދަޑުން ދެ ގޯލްގެ ލީޑެއްގައި ކުޅެމުން ދަނިކޮށް، ފްރެންޑްސްއަށް ހިތްވަރު އާކޮށްދިނީ ފްރެންޑްގެ ކެޕްޓަން ހަސަން އައްސަދު ޖެހި ގޯލުންނެވެ. އެ ގޯލާއެކު ފްރެންޑްސްއިން އުންމީދު އާކުރި ނަމަވެސް، ފްރެންޑްސްއަށް ހަމަޖެހިލާވެ ވަގުތެއް ހޯދަޑަކުން ނުދިނެވެ. މެޗުގައި ހެޓްރިކް ހެދި ތޯހާ މުހައްމަދުގެ ބާރު ހިލޭ ޖެހުމާއެކު ހޯދަޑުން އަނެއްކާވެސް ލީޑު ދެމެހެއްޓިއެވެ.

ދެވަނަ ހާފް ފެށިގެން ހޯދަޑުން އިތުރު ގޯލެއްވެސް ޖެހިއެވެ. ސިނާހްގެ ގޯލާއެކު ހޯދަޑުން ނަތީޖާގެ ފަރަގު ބޮޑު ކުރި އިރު، ފްރެންޑްސްއަށް ބޮޑު މާޔޫސް ކަމެއް ކުރިމަތިވިއެވެ. މިދިޔަ އަހަރުގެ ކުއާޓާ ފައިނަލް ކުޅުނު ފްރެންޑްސްއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމާ ދިމާލަށް ދިޔަ އިރު، އެޓީމުގެ އަހުމަދު ޒައުލް ކާމިޔާބު ކޮށްދިން ގޯލާއެކު އަނެއްކާވެސް ކުޑަ އުންމީދެއް ގެނުވިއެވެ.

ހޯދަޑާއި ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އެހެން ނަމަވެސް އެ ގޯލަށް މިނެޓެއްވެސް ނުވަނީސް ތޯހާ ވަނީ އަނެއްކާވެސް ގޯލް ޖަހާ، ހޯދަޑަށް ޔަގީންކަން ގެނެސްދީފައެވެ. މެޗުގެ ފަހު 10 މިނެޓް ތެރޭގައި ތޯހާ އޭނާގެ ހެޓްރިކްވެސް ކާމިޔާބު ކުރިއެވެ. ހެޓްރިކް ފުރިހަމަ ކުރި ގޯލަކީވެސް ބާރު ހިލޭ ޖެހުމެކެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕް ބީއިން ރީތި ރަށާއި، ހޯދަޑު ކުއާޓާގެ ޖާގަ ޔަގީން ކޮށްފައިވާ އިރު، ފްރެންޑްސް ކްލަބާއި ޑީސީ ސްޕޯޓްސް ވަނީ ކަޓާފައެވެ.

ހޯދަޑާއި ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

20:30 މަރަދޫ ފޭދޫ އެފްސީ - އެފްސީ ސްޕްރިންޓް
21:30 އެފްސީ ޒެފިއާ - ޒެލޯން
22:30 އެފްސީ ބޭރުމަތި - ވިނިން ފައިވް