މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ ޓީމުން ކޮމޮރޯސް ބަލިކޮށްފިއެވެ.

މިއަދު ބޯޗު ވޮލީ ޓީމުން ކުޅުނު މެޗު ބައްލަވާލައްވަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ވަޑައިގެންވި އިރު، އައިއޯއައިޖީގެ ބީޗް ވޮލީބޯޅަ ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން މޮޅުވީ 2-1 އިންނެވެ. ފުރަތަމަ ޓައި ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 21-19، 14-21 އަދި 10-15 އިންނެވެ. އެކަމަކު މެޗުގެ ދެވަނަ ޓައި ކޮމޮރޯސްއިން ކާމިޔާބުކުރީ 21-12 އަދި 21-18 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ޓައި ބްރޭކްގައި ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 18-21 އަދި 17-21 އިންނެވެ.

ބީޗް ވޮލީގެ އިވެންޓްތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ރާއްޖެއިން މިއަދު އިތުރު މެޗެއް ކުޅެފައިވާ އިރު، ރިޔޫނިއަންއާ ވާދަކުރި މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ޓައި 15-21 އަދި 14-21 އިން ރާއްޖެ ޓީމް ބަލިވިއިރު، ދެވަނަ ޓައިން ރާއްޖޭގެ ޓީމު ބަލިވީ 08-21 އަދި 12-21 އިންނެވެ.

ލީގު ބުރުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް މިވަގުތު އެއްވަނައިގައި އޮތީ މޮރިޝަސްއެވެ. ދެވަނައިގައި އޮތީ ރާއްޖެއެވެ. މާދަމާ ހެނދުނު ދިވެހި ޓީމު ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ.