އއ. ހިމަންދޫގައި މިހާރު ކުރިއަށް ދާ ކްލަބު ނިއު ފްރެންޑްސް ފުޓްބޯލް ޓޯނަމެންޓު 2019ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ޑަބްލިއު މޯލްޑިވްސް ކަޓުވައިލުމަށް ފަހު ކޮންސްޓަންސް މޫފުށިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މޫފުށިން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0ގެ ނަތީޖާ އަކުން ކަމުގައި ވާއިރު، މެޗުގެ ހަމަ އެކަނި ގޯލު ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި މޫފުއްޓަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ނުވަ ނަމްބަރު މުހައްމަދު ޝަރީފުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޝަރީފު އަށް ލިބިގެން ގޮސްފައި ވާއިރު، ހިމަންދޫ ކޯނާސް ހަޓް އިން ހުށަހަޅާފައިވާ އިނާމު އޭނާ އާއި ހަވާލު ކޮށްދެއްވީ އެރަށު ކައުންސިލްގެ ކުރީގެ ސެކެޓްރީ އަހްމަދު އަބްދުލް ރަހްމާން އެވެ.

ޑަބްލިިއު މޯލްޑިވްސް އާއި ކޮންސްޓަންސް މޫފުށީގެ މޭން އޮފް ދަ މެޗް--- ވަގުތު އިމޭޖަސް/ ޖިމީ

އިއްޔެ ކުޅުނު މި މެޗާއި އެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ވަނީ ނިމިފައެވެ.

ހިމަންދޫގެ 3 ޓީމަކާއި ރަށުން ބޭރު 3 ޓީމު ވާދަ ކުރާ މި މުބާރާތުގެ ސެމީގެ ޖާގަ މޫފުށިން ހޯދާފައި ވާއިރު، ޑާކްޓައުން އާއި ޗެމްޕިއަން ޑަބްލިއު މޯލްޑިވްސް އިން ވަނީ މުބާރާތާއި އަލްވަދާއު ކިޔައިފައެވެ.

މިއަދު ހަވީރު ކުޅެވޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކޮންސްޓަންސް މޫފުށި އާއި މާޅޮސް ސްޕޯޓްސް ކްލަބެވެ.

އަދި މާދަމާ ކުޅެވޭ ސެމީގެ ފަހު މެޗުގައި ޔަންގް އީގަލްސް އާއި ވައިޓް ރޯސްގެ ކުރިމަތިލުން އޮންނާނެއެވެ.