އއ. އަތޮޅު ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

10,312,301.43 (ދިހަ މިލިއަން ތިން ލައްކަ ބާރަހާސް ތިންސަތޭކަ އެއް ރުފިޔާ ސާޅީސް ތިން ލާރި) ގެ މި މަޝްރޫޢަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި މިސްކިތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތް ބިނާކުރެވިފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރެވޭނެ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަހަރާއި މިިދިޔަ އަހަރުތެރޭގައި މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތައް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިއެވެ. އެގޮތުން، އެންމެ ފަހަކަށް މިނިސްޓްރީން ވަނީ ފުވައްމުލަކުގައި މިސްކިތް އެޅުމަށްވެެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިއެވެ.