އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖަކީ އައްޑޫ ސިޓީއަށް އަންނަ ފުޓްސަލްގެ އެންމެ ބޮޑު އީދެވެ. އެތަކެއް ދުވަސްތަކެއްގެ ތައްޔާރީތަކާއެކު ޓީމުތަކުން މުބާރާތަށް ނުކުންނަން ޖެހޭ ސަބަބެއްވެސް އެބައޮތެވެ. މި މުބާރާތަކީ މުޅި ރާއްޖޭގައިވެސް ބާއްވާ ފުޓްސަލްގެ އެންމެ އަގުބޮޑު މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ފައިސާގެ އިނާމުގެ އިތުރަށް މުބާރާތް ހާއްސަ ވަނީ ޝަރަފާ ފަހުރަށެވެ. އައްޑޫގައި އޮންނަ ފުޓްސަލްގެ ބޮޑު ވާދަވެރިކަމުގެ ތެރެއިން، ފުޓްސަލްގެ ރަސްކަމަށް އައުމަށެވެ. މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމުނު އިރުވެސް، މުބާރާތަށް ޓީމުތަކުން ނުކުންނަ ފެންވަރު ވަރަށްވެސް ސާފެވެ. ފޯރިގަދަވެފައި އިންތިހާއަށް ގޯލްތައް ގިނައެވެ. ބަލާހިތްވާފަދަ އެތައް މަންޒަރުތަކަކުން، ފުޓްސަލްގެ ހުނަރު ދައްކުވައިފިއެވެ.

ބައެއް މެޗުތައް ވާރޭ ތެރޭގައި ކުޅެން ޖެހުނު ނަމަވެސް، މުބާރާތް ހުއްޓުމަށް ނައިސް ދިޔައީ ކުރިއަށެވެ. ޖޯޝާ ފޯރިގައި ޓީމުތަކުން ގްރޫޕް ސްޓޭޖު ނިންމާލި އިރު، އަސްލު ޓެސްޓަށް ނުކުންނަން ޖެހޭނީ ދެނެވެ. ހަގީގީ ފެންވަރާއި، މުބާރާތުގެ ހަގީގީ ފޯރިވެސް ދައްކުވައިދޭނީ ދެން އޮންނަ ކުއާޓާއާއި ސެމީ މެޗުތަކުގެ އިތުރުން ފައިނަލް މެޗުންކަން ޔަގީނެވެ.

މިދިޔަ އަހަރުގެ ސެމީއަށް ގޮސްގެން ސީޑްކުރި ހުރިހާ ޓީމަކުންވެސް ކުއާޓާގެ ޖާގަ ހޯދި އިރު، އާ ނަންތަކެއްވެސް ކުއާޓާއިން ފެނިގެންދާނެއެވެ. "ވަގުތު" ފުޓްސަލް ޗެލެންޖް ވޭތުވެދިޔަ ދެއަހަރުވެސް ބާއްވާފައިވާ އިރު، އެ ދެއަހަރުގެ ޗެމްޕިއަނުންނަކީވެސް އައްޑޫގެ ފުޓްސަލްގައި ރަސްކަން ކުރަމުން އަންނަ އެފްސީ ބޭރުމައްޗެވެ. ކުއާޓާގައިވެސް އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވާނެ ޓީމަކީވެސް އެއީކަން ޔަގީނެވެ.

މެޗުގެ ޕްރިވިއު:

އެފްސީ ބޭރުމަތި - އެފްސީ ސްޕްރިންޓް

ގަޑި: 20:00

ބޭރުމަތި ބަލިކުރުމަކީ ހުރިހާ ޓީމެއްގެވެސް އަމާޒަކަށްވާނެކަން ޔަގީނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ހުއްޓުވާލެވުނު އެއްވެސް ބަޔަކު ނެތެވެ. ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ބޭރުމަތިން ކުއާޓައަށްދިޔަ އިރު، ޓީމުގެ ވިދުން ގަދަކޮށް ފާހަގަކޮށްލެވުނީ އަލީ ހާފިޒް (ހާއްޕެ)އެވެ. ޝައްކެއްވެސް ނެތެވެ. ރާއްޖޭގެ ފުޓްސަލްގައި ދެވަނަ ހާއްޕެއެއް ނެތެވެ. ބޭރުމަތިން ނަތީޖާ ނެރުމަށް އެންމެ މުހިއްމުވާނީވެސް އޭނާކަން ޔަގީނެވެ.

އެފްސީ ސްޕްރިންޓްއިން ކުއާޓައަށްދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ މެޗުގައި ފަހަތަށް ޖެހޭނެ ސަބަބެއް ނޫންކަން އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން އެނގެއެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް އިސްމާއީލް މުނީޒް ހުރީ އެންމެ ރަނގަޅު ފޯމުގައެވެ. އޭނާއަކީ ކޮންމެ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ އަނބުރާލާނެ ކުޅުންތެރިއެއްކަން ގްރޫޕް ސްޓޭޖުގައި ވަނީ ދައްކާފައެވެ.

ހޯދަޑު ސްޕޯޓްސް - ޒެލޯން

ގަޑި: 21:00

ހޯދަޑުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. އަނިޔާގެ މައްސަލަތައް ޓީމަށް ކުރިމަތިވި ނަމަވެސް، ރެސްޓަކާއެކު އެޓީމުން ކުއާޓާއަށް ނުކުންނާނީ ރަނގަޅު ފޯމެއްގައި ކަމަށް ބެލެވެއެވެ. ހާއްސަކޮށް އެޓީމުގެ ސިމާހް (ސިންބާ)އާއި ތޯހާ މުހައްމަދު ފަދަ ކުޅުންތެރިންނަކީ ގްރޫޕް ސްޓޭޖުގައި ފެނުނު އެންމެ ނުރައްކާތެރި ކުޅުންތެރިންނެވެ. މިދިޔަ އަހަރުގެ ރަނަރަޕް ރީތި ރަށް ހިމެނުނު ގްރޫޕުން ހޯދަޑު ވަނީ އެއްވަނަވެސް ހޯދާފައެވެ.

ޒެލޯންއަކީ އެންމެ އޯގަނައިޒްކޮށް، އެންމެ ހަމަޖެހިލައިގެން ގްރޫޕް ސްޓޭޖުގައި ފެނުނު އެއްޓީމެވެ. ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ޒެލޯން ކުއާޓާއަށްދިޔަ އިރު، އެޓީމުން އެންމެ ފާހަގަކޮށްލެވުނީ ހުސައިން އައިކްގެ ކުޅުމެވެ. އައިކްގެ ހުނަރުވެރި ކުޅުން ފެނިގެންދިޔައީ ބަލާ ހިތްވާފަދަ ރީތި ކުޅުމަކަށެވެ. އައިކްގެ ގޯލް ޖެހުމުގެ ރޭޓަށް ބަލާ އިރު، ހޯދަޑަށް އެންމެ ނުރައްކާ ބޮޑީވެސް އޭނާގެ ފަރާތުން ކަމަށް ބެލެވެއެވެ.

މޯލްޑިވިއަން - ނެކްސަސް

ގަޑި: 22:00

މޯލްޑިވިއަންއަކީ 2017 ވަނަ އަހަރު ވަގުތު ފުޓްސަލް ޗެލެންޖުގެ ރަނަރަޕް ޓީމެވެ. އެޓީމުން މިފަހަރު ނުކުމެފައި ވަނީ ސީދާ ތަށްޓަށްކަން ސްކޮޑުންވެސް އެނގެއެވެ. ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިބްރާހީމް މުބީން (މުއްކި)އާއި މާއިސް (މައްޓު) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިންވެސް ހުޒޭ ހުރީ އެނާގެ ކެރިއަރުގެ ރަން ޒަމާނުގެ ފޯމުގައެވެ.

ގްރޫޕް އޭގައި ބޭރުމައްޗަށް ރަނގަޅު ފައިޓެއްދީ، ނެކްސަސް ކުއާޓާއަށް ދިޔައީ ހިތްވަރުންނެވެ. ޓީމެއްގެ ގޮތުގައި ވަރުގަދަކޮށް ފެންނަ ނެކްސަސްގެ އެންމެ ބޮޑު ހިތްވަރަކީ އެޓީމުގެ ގޯލް މެޝިން އަނީލް އިބްރާހީމެވެ. އޭނާ ހުއްޓުވަން މޯލްޑިވިއަންއަށްވެސް އުނދަގޫވާނެކަން ޔަގީނެވެ.

އުސްގަނޑަ - ވަން އެންޑް އޮންލީ ރީތިރަށް

ގަޑި: 23:00

އެފްސީ އުސްގަނޑައަކީ މުބާރާތުގެ ފެވަރިޓެކެވެ. ތަރިން ގިނަ އުސްގަނޑަ ކުއާޓާއަށް ދިޔައީ މެޗަކުން ބަލިނުވެއެވެ. އިސްމާއީލް ފާތިހު (ތާޑޭ) ބަލަހައްޓަމުންދާ ގޯލް ފޫއަޅުވާލަން އުނދަގޫކޮށް ފެނުނު އިރު، ޓީމުގެ މޭސްތެރިއަކީ ހުސައިން ޝަރީފް (އޮންލީ)އެވެ. އޭނާގެ ހުނަރަކީ ހަމައެކަނި ބޯޅަގެ ހުނަރެއް ނޫނެވެ. ދަނޑުމަތީގައި އެންމެ ވަރުގަދައަށް ސިކުނޑި ބޭނުންކުރާ ކުޅުންތެރިޔަކީވެސް އޭނާކަން އެތައް ފަހަރަކު ވަނީ ދައްކާފައެވެ.

ވަން އެންޑް އޮންލީ ރީތިރަށަށް ހިތްދަތިކޮށް ގްރޫޕްގެ އެއްވަނަ ގެއްލުނު ނަމަވެސް، އެޓީމު އަންޑާ އެސްޓިމޭޓް ކޮށްގެން ނުވާނެއެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާ)ގެ މޭސްތެރިކަމުގައި ކުޅެމުންދާ ރީތި ރަށުގެ އެންމެ ބޮޑު ތަފާތަކީ ފަހު ވަގުތާ ހަމައަށްވެސް ކުރަމުންދާ ހިތްވަރެވެ. އުސްގަނޑަ ޓީމުން އެންމެ ޖެހިލުންވާނެ ކަމަކީވެސް އެއީކަން ޔަގީނެވެ. ގްރޫޕް ސްޓޭޖުގައި ނަތީޖާތަކުން އެކަން ދައްކައިވެސް ދެއެވެ.