މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިހުގެ ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފިއެވެ.

ރާއްޖޭގެ ޓީމު ފައިނަލަށް ދަތުރު ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސެމީ ފައިނަލް އިވެންޓްގައި މަޑަގަސްކަރަގެ މައްޗަށް 3-1 ގޭމުން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ގޭމް ރަފާ ނާޒިމް ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ ގޭމްގެ ސެޓުތައް ގެންދިޔައީ 12-10، 11-6 އަދި 11-4އިންނެވެ. ދެވަނަ ގޭމަށް ފާތިމަތު ދީމާ އަލީ ނުކުމެ، މަޑަގަސްކަރަ ކުޅުންތެރިޔާ ބަލިކުރީ ސީދާ 3-0އަކުންނެވެ. ދީމާ ސެޓުތައް ގެންދިޔައީ ތަފާތު ބޮޑުކޮށެވެ. 11-7، 11-6 އަދި 11-4އިން ދީމާގެ ސެޓުތައް ގެންދިޔަ އިރު، ތިންވަނަ ގޭމަކުން މޮޅުވެ ރާއްޖެއަށް ފައިނަލް ޔަގީން ކުރެވެން އޮތެވެ.

އެމްއޯސީ ފޮޓޯ/ ނިޝާން އަލީ

އެހެން ނަމަވެސް ތިންވަނަ ގޭމްގައި މުއީނާ މުހައްމަދު ބަލިވީ 3-1 އިންނެވެ. ރާއްޖެއަށް ފައިނަލްގެ ޖާގަ ޔަގީން ކޮށްދިނީ ފަހު ގޭމްގައި ދީމާއެވެ. ދީމާ ވަނީ 3-0އިން މަޑަގަސްކަރަ ކުޅުންތެރިޔާ ބަލިކޮށް، ރާއްޖެއަށް ޓީޓީގެ ރަން މެޑަލްއަކާ ގާތަށް ގެންގޮސްދީފައެވެ. މިހާރު ރާއްޖެއަށް ރިހި މެޑަލް ޔަގީން ވެފައި އޮތް އިރު، ޓީޓީން ރަން މެޑަލް ހޯދުން ގާތެވެ.

މިއަދުގެ މެޗުތައް ބައްލަވާލައްވާ، ރާއްޖޭގެ ޓީމަށް ހިތްވަރު ދެއްވުމަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްވެސް ވަޑައިގަންނަވާފައިވެއެވެ.