އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ކަޓުވާލާ، ޒެލޯން ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިއީ ޒެލޯންއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1އިން ނަތީޖާ ހަމަހަމަވެފައި އޮތް އިރު، ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީން ޒެލޯން މޮޅުވީ 7-6ގެ ނަތީޖާއަކުންނެވެ.

މިދިޔަ ދެއަހަރުވެސް "ވަގުތު" ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ބޭރުމަތިން މިރޭގެ މެޗަށް ނުކުތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮވެގެންނެވެ. ކުއާޓާގައި ބޭރުމަތިން ސްޕްރިންޓް ބަލިކުރި އިރު، ޒެލޯންއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޓެސްޓަކަށްވެސް ވާނީ ބޭރުމައްޗެވެ. އައްޑޫ ސިޓީ މަރަދުއަށް ނިސްބަތްވާ ޒެލޯންއިން ކުއާޓާއަށް ދިޔައީ ފުވައްމުލަކުގެ ހޯދަޑު ސްޕޯޓްސް ބަލިކޮށްގެންނެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖްގައި ބޭރުމައްޗާއި ޒެލޯން ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް ސެމީ ފައިނަލެއްގެ ޕްރެޝަރު ދެޓީމުގެ ކުޅުންތެރިން ފަރާތުންވެސް ފެނިގެންދިޔައެވެ. ދަނޑުގެ ވަށައިގެން އެތައް ސަޕޯޓަރުންނެއް އޮތް އިރު، ބޭރުމަތީގެ ސަޕޯޓަރުން ފެނުނީ ގިނަކޮށެވެ. ފުރަތަމަ ކޮޅުގައި ބޭރުމަތީގެ އަލީ ފަހުމީއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ނުރައްކާ ކުރީ ހުސައިން އައިކެވެ.

އައިކުގެ ބާރު ހަމަލާއެއް ބޭރުމަތީގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދިފާއުކޮށް ބޭރުކޮށްލި އިރު، އަލީ ހާފިޒް (ހާއްޕެ) ދެ ހަމަލާއެއް ފުރަތަމަ ކޮޅުގައި ފެނިގެންދިޔައެވެ. ޒެލޯންގެ ގޯލްކީޕަރު ވަރަށްވެސް ހުޝިޔާރެވެ. ޒެލޯންއިން މިރޭގެ މެޗުގައިވެސް ގޯލްކީޕަރަކަށް ނެރުނީ ހުސައިން ނިޝާލްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުގެ ފުލްކީޕަރު އަލީ އަޖުފާންއަށް ރަތް ކާޑު ދެއްކުމުން ކުއާޓާގައި ނިޝާލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޒެލޯންއިން ރަނގަޅަށް ޑިފެންސްކޮށް، ބޭރުމަތީގެ އެޓޭކް ހުއްޓުވުމުގެ ނަތީޖާވެސް ފޮންޏެވެ. ހާފްގެ 10 ވަރަކަށް މިނެޓް ތެރޭގައި އައިކްގެ ހުނަރު ދައްކާލިއެވެ. އަރިމަތިން ޑިފެންޑަރު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ. އެ ގޯލަށް މިނެޓެއްވެސް ނުވަނީސް އަލީ ފަހުމީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާގެ ބާރު ހަމަލާވެސް ދިފާއުކުރީ ގޯލްކީޕަރެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޒެލޯންއިން މާ ބޮޑަށްވެސް އޯގަނައިޒްކޮށް ފެނިގެންދިޔަ އިރު، ހާފްގެ ފަހުކޮޅުގައި އެޓީމުން ބެލީ ލީޑު ހިފެހެއްޓުމަށެވެ. އެޓީމުން އެކަން ހާސިލްވެސް ކުރިއެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖްގައި ބޭރުމައްޗާއި ޒެލޯން ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ދެވަނަ ހާފް އިތުރަށް ފޯރިގަދަކޮށް ފެނުނު އިރު، ބޭރުމަތިން ހަމަލާތައް ގިނަ ކުރިއެވެ. ހުސައިން މިފްރާހްގެ ބާރު ހަމަލާއެއްގެ އިތުރުން ހާއްޕެގެ ބާރު ދެހަމަލާއެއްވެސް ގޯލްކީޕަރު ދިފާއުކުރި އިރު، ހުސައިން ގައްސާން ލަބީބްގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިވެސް އަމާޒުވިއެވެ. ފަހުކޮޅަށް ދިޔަވަރަކަށް މެޗު ފޯރިގަދަވަމުންދިޔަ އިރު، ޒެލޯންގެ ކައުންޓާ އެޓޭކް ފެނުނީ ނުރައްކާ ކޮށެވެ.

ހަސަން ލައުހަށް ދެ ފުރުސަތެއް ލިބުނު އިރު، ފުރަތަމަ ހަމަލާ ދިޔައީ ބޭރަށެވެ. އަނެއް ހަމަލާއަށް ހުރަސް އެޅީ ބޭރުމަތީގެ ގޯލްކީޕަރު ޗެކެވެ. ދެކޮޅަށްވެސް ހަމަލާއަކަށްފަހު ހަމަލާއެކެވެ. ޒެލޯންގެ ހަމަލާތަކަށް މިނެޓެއްވެސް ނުވަނީސް ހާއްޕެއަށް ދެ ހަމަލާއެއް ފުލުފުލުން ފެނިގެން ދިޔައެވެ. ދުރުން ފޮނުވާލި ދެ ހަމާލައެއް ގޯލްކީޕަރު ދިފާއުކުރި އިރު، ސަޕޯޓަރުން ކައްކުލާވާލީ ނަތީޖާ ހަމަހަމަކޮށްދިނީވެސް ހާއްޕެއެވެ. އަރިމަތިން އަރާ ފޮނުވާލި ބާރު ހަމަލާއިން ޒެލޯންގެ ގޯލް ފޫއަޅުވާލިއެވެ.

ގޯލަށްފަހު މެޗުގެ ފޯރި އިތުރަށް ފޯރިގަދަ ވެގެންދިޔަ އިރު، ނުރައްކާ ބޮޑުކޮށް ފެނުނީ ބޭރުމަތިންނެވެ. ހާއްޕެގެ އިތުރުން އަލީ ފަހުމީއަށް ލިބުނު ފުރުސަތުުތައްވެސް އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ.

ޒެލޯއިން ފުރަތަމަ ޕެނެލްޓީ ޖަހަން ގޮސް، މުހައްމަދު އަޒާން ޖެހީ މަތިން ބޭރަށެވެ. ބަދަލުގައި މިފްރާހް ޖެހި ރީތި ޕެނެލްޓީކާއެކު ބޭރުމަތިން ލީޑު ނެގިއެވެ. ޒެލޯން އިން އެޓީމުގެ ދެވަނަ ޕެނެލްޓީ ވެއްދި އިރު، އިބްރާހިމް އަލްޒަމް ޖެހި ޕެނެލްޓީ ވަނީ ޗެކް އަތް ދަށުން ކަހަލަ ގޮތަކަށެވެ. ބޭރުމަތިން ލީޑު ދަމަހައްޓަމުން ދަނިކޮށް އެޓީމަށް ފުރުސަތު ގެއްލުވާލީ ހުސައިން ގައްސާން ޖެހި ޕެނެލްޓީ މަތިން ދިޔުމުންނެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖްގައި ބޭރުމައްޗާއި ޒެލޯން ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޒެލޯންގެ އިސްމާއީލް ސިއާން ޖެހި ޕެނެލްޓީއާއެކު މެޗުގެ ނަތީޖާ ހަމަހަމަވި އިރު، ބޭރުމަތިން އަމީން އިބްރާހީމްގެ ޕެނެލްޓީ ކާމިޔާބުކުރިއެވެ. ޒެލޯންގެ ހަތަރުވަނަ ޕެނެލްޓީ ކާމިޔާބުކުރީ އައިކެވެ. ބޭރުމަތިން ހަތަރުވަނަ ޕެނެލްޓީ ޔަގީން ކޮށްދިނީ ހާއްޕެއެވެ. ޒެލޯންގެ އަހުމަދު އަޒްމީލްއާއި ބޭރުމަތީގެ އައިހަމް އާދިލްވެސް ޕެނެލްޓީ ކާމިޔާބުކުރި އިރު، ޒެލޯންގެ ލައުހް އަދި އަހުމަދު ނާދިރުގެ ޕެނެލްޓީވެސް ކާމިޔާބު ކުރި އެވެ. ބޭރުމައްޗަށް ޕެނެލްޓީ ނާކާމިޔާބުކޮށްލީ އިބްރާހީމް ސާމީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް އައިކް ހޮވުނު އިރު، މޮޮޅު ކުޅުންތެރިޔާއަށް އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި ވަގުތުގެ ޓްރޮފީ ހަވާލުކޮށްދެއްވީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

"ވަގުތު" ފުޓްސަލް ޗެލެންޖްގައި ބޭރުމައްޗާއި ޒެލޯން ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މިރޭ އޮންނަ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ އުސްގަނޑާއި ނެކްސަސްއެވެ. މުބާރާތުގެ ފައިނަލް އޮންނާނީ 26 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ 20:30 ގައި މެޗު ފެށޭ އިރު، ނިންމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ.