މުހައްމަދު ސަލާހުގެ ގޯލުން 1-2 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް، ޕްރިމިއަރ ލީގުގެ ދެވަނަ މަގާމަށް ލިވަޕޫލް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެނަމަ ލީގުގެ ދެވަނަ މަގާމު އަލުން އެޓީމަށް ލިބޭނެއެވެ. ޔުނައިޓެޑް މިވަގުތު އޮތީ 65 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ލިވަޕޫލް އަތުން މިއަދު ބަލިވި ޕެލެސް އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޕެލެސް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މިލިވޮޖެވިޗްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލް އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސަލާހު ފޮނުވާލި ހަމަލާއެއް ޕެލެސްގެ ކީޕަރު ފޮނުވާލިއިރު މާނޭ ވެސް ވަނީ ނުރައްކާތެރި ދެ ހަމަލާ އެއް ޕެލެސްގެ ގޯލަށް މި ހާފުގައި ފޮނުވާލާފައެވެ.

ޕެލެސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މާނޭ ވަނީ ލިވަޕޫލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ލީޑު ނަގަން ލިވަޕޫލް އިން މަސައްކަތް ކުރަމުންދިޔައިރު ޕެލެސް އިން ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލީޑު ނަގަން ޕެލެސް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 84 ވަނަ މިނެޓްގައި ލިވަޕޫލް އިން ލީޑު ނެގުމެވެ. މި ގޯލު ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހުއެވެ. މިއީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ސަލާހު ކާމިޔާބުކުރި 29 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުގައި ކާމިޔާބުކުރި ގޯލާ އެކު ސަލާހު މިހާރު ވަނީ ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. 29 ގޯލު ކާމިޔާބުކޮށްގެން މި ރެކޯޑު މީގެކުރިން އޮތީ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާގެ އަތުގައެވެ.

މުހިއްމު މޮޅެއް ލިވަޕޫލް އިން މިއަދު ހޯދިއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ.