މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު އެލްއޭ ގެލެކްސީ އަށް ބަދަލުވި ޒްލަޓާން އިބްރަހިމޮވިޗް އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ދެ ގޯލް ޖަހައިފި އެވެ.

އެމެރިކާ ލީގުގައި ރޭ ލޮސް އެންޖެލެސް އެފްސީ އަތުން 3-4 އިން އެލްއޭ ގެލެކްސީ މޮޅުވި މެޗުގައި އިބްރަހިމޮވިޗް ކުޅެން އެރީ މެޗުގެ 70 ވަނަ މިނެޓްގައެވެ. އިބްރަހިމޮވިޗް ކުޅެން އެރިއިރު އެޓީމު އޮތީ 1-3 އިން ބަލިވެފައެވެ.

ނަމަވެސް އިބްރަހިމޮވިޗް ކުޅެން އެރިތާ ގެލެކްސީން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި ގެލެކްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ އިބްރަހިމޮވިޗްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ 35 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އަދި އޭޝްލީ ކޯލް ނަގައިދިން ހުރަހަކުން މެޗުގެ އެންމެފަހު މިނެޓްގައި އިބްރަހިމޮވިޗް ވަނީ މި މެޗުން ގެލެކްސީ މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

"ކުޅެން އެރުމުގެ ކުރިން ވެސް ސަޕޯޓަރުން ދިޔައީ އަހަރެންގެ ނަން ގޮވަމުން. އެމީހުން ދިޔައީ އަހަންނަށް ވަރަށް ބޮޑަށް ބާރު އަޅަމުން. އޭގެ ބަދަލު އަހަރެން މިދިނީ" ރޭގެ މެޗަށްފަހު ސްވިޑެން އަށް އުފަން ފޯވާޑް ބުންޏެވެ.

އެލްއޭ ގެލެކްސީގެ އިތުރުން އިބްރަހިމޮވިޗް ވަނީ މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ އާއި ބާސެލޯނާ އާއި އިންޓަމިލާން އާއި ޔުވެންޓަސް އަދި މަލްމޯ އަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ގޯލު ކާމިޔާބުކޮށްފައެވެ.

އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް ޔުނައިޓެޑް ދޫކޮށްލީ އެ ކްލަބުގައި ދެ އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިނގިރޭސި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.