އޭސީ މިލާންއާއެކު ހަދާފައިވާ އެއްބަސްވުން ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އާކޮށްފިއެވެ.

އޭސީ މިލާން އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އިތުރު ކުރަން ނިންމައި، އާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިގޮތުން ކުރިޔަށް އޮތް ސީޒަނުގައި ކްލަބުގެ 11 ނަމްބަރު ޖޯޒީގައި އިބްރަހިމޮވިޗް ފެންނާނެކަން ހާމަ ކުރަމުން އޭސީ މިލާން އިން ބުނީ އޭނާ ހެދި އާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އޭސީ މިލާންއާއެކު އިބްރިމޮވިޗް ހަދާފައިވާ އެއްބަސްވުން މިދިޔަ މަހު ހަމަވުމާއެކު އޭނާއަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބުނު ނަމަވެސް، އޭނާ ވަނީ އޭސީ މިލާންގައި މަޑުކުރަން ނިންމާފައެވެ.

އޭސީ މިލާނުން 11 އަހަރު ފަހުން އިޓަލީ ލީގު ކާމިޔާބު ކުރުމުގައި އިބްރަހިމޮވިޗް ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަންގައި އޭސީ މިލާނަށް 23 މެޗު ކުޅެދީ އަށް ގޯލް ޖަހައި ދިނުމުގެ އިތުރުން ތިން ގޯލް ޖަހައި ދިނުމަށް އެހީތެރިވެދީފައެވެ.

އިބްރަހިމޮވިޗް އޭސީ މިލާންއާ އަލުން ގުޅިފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެ ދިން 74 މެޗުގައި 36 ގޯލް ޖަހައި ދީފައެވެ.

އިބްރަހިމޮވިޗްގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް 31 ޓްރޮފީ ވަނީ ހާސިލުކޮށްފައެވެ. އަދި އޭނާ މިހާތަނަށް ކުޅުނު ކޮންމެ ކުލަބެއްގައި ވެސް މޮޅު ކުޅުމެއް ވަނީ ކުޅެފައެވެ. އިބްރަހިމޮވިޗްގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އޭނާ ވަނީ 570 ލަނޑު ޖަހާފައެވެ.