އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ޒަލަޓަން އިބްރަހިމޮވިޗް ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް އޭސީ މިލާންއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި އެކު އެކުލަބު ދޫކޮށްލާނެ ކަން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އެހެން ކަމުން އެކުލަބުން ރޭ ބޭއްވި ފެއާވެލްގައި އޭނާ ވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު، ކަކުލުގެ އޮޕަރޭޝަނެއްވެސް މިދިޔަ އަހަރު އޭނާ ވަނީކޮށްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ބާސެލޯނާއިން އިބްރަހިމޮވިޗް އެންމެ ފުރަތަމަ އެސީ މިލާންއާއި ގުޅިފައި ވަނީ 2010 ވަނަ އަހަރުއެވެ. 2010 ވަނަ އަހަރުން 2012 ވަނަ އަހަރާއި ހަމައަށް ޖުމުލަ 62 މެޗު އޭނާ ކުޅެދިންއިރު 42 ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ. އަދި 2011 ވަނަ އަހަރުގެ ލީގުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ފުރާންސްގެ ޕީއެސްޖީއަށް އޭނާ ވަނީ ބަދަލުވެފައެވެ.

2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ފުރާންސްގެ ޕީއެސްޖީއަށް 122 މެޗު ކުޅެދީ 113 ގޯލު އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ. އެކުލަބާއި އެކު ލީގު1 4 ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. ޕީއެސްޖީ ދޫކޮށްލުމަށްފަހު 2016 ވަނަ އަހަރު އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި އޭނާ ވަނީ ގުޅިފައެވެ. ޔުނައިޓެޑުގައިވެސް މޮޅު ކުޅުމެއް ދެއްކި އިރު، އެކުލަބަށް ކުޅެދިން 33 މެޗުން ވަނީ 17 ގޯލު ކާމިޔާބުކޮށްދީފައެވެ. އެކުލަބާއި އެކު ޔޫރަޕާ ލީގު އެއްފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު 2018 ވަނަ އަހަރު އިބްރަހިމޮވިޗް ވަނީ އެލްއޭ ގެލެކްސީއާއި ގުޅިފައެވެ. އެކުލަބުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ގިނަ ގޯލު ތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އެކުލަބަށް ކުޅެދިން 56 މެޗުން އެނާ ވަނީ 52 ގޯލު ކާމިޔާބުކޮށްދީފައެވެ.

2019 ވަނަ އަހަރު އަނެއްކާވެސް އިޓަލީގެ އެސީ މިލާނަށް ބަދަލުވުމަށް ފަހު އިބްރަހިމޮވިޗް ވަނީ 64 މެޗު ކުޅެދީފައެވެ. އެއަހަރުގެ ލީގު ކާމިޔާބު ކުރުމުގައި އިބްރަހިމޮވިޗްގެ ހިއްސާ ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. ދެވަނަ ފަހަރަށް ގުޅުމަށް ފަހު އޭނާ ވަނީ ޖުމުލަ 34 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ސްވިޑަންގެ ގައުމީ ޓީމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު މިހާރު ގައުމީ ޓީމުން ވަނީ ރިޓަޔާވެފައެވެ. ގައުމީ ކެޕްޓަންގެ ގޮތުގައި ފީފާ ވޮލްޑް ކަޕާއި ޔޫރޯގަވެސް އޭނާ ވަނީ ކުޅެފައެވެ. 2001 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ޖުމުލަ 122 މެޗު ކުޅެދިން އިރު 62 ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ. މިއާއި އެކު އެގައުމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދާފައެވެ. މީގެ އިތުރުން ތިން އަހަރު ޔޫރަމިއަން ޗެމްޕިއަންޝިޕްގައި ގޯލު ޖެހި ސްވިޑަންގެ ހަމައެކަނި ކުޅުންތެރިޔަކީވެސް އިބްރަހިމޮވިޗްއެވެ.

އިބްރަހިމޮވިޗްގެ ވަކިވަކި ރެކޯޑު ތަކަށް ބަލާލާއިރު ސްވިޑަންގެ އެންމް މޮޅު ފޯވާާޑުގެ މަގާމު 14 އަހަރު ޖެހިޖެހިގެން ވަނީ ހޯދާފައެވެ. އަދި ބެލެންޑޯ އެވޯޑުގައި 12 އަހަރު ވަނީ ނޮމިނޭޓުވެފައެވެ. މީގެ އިތުރުން ލީގު1ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 3 އަހަރު ވަނީ ހޯދާފައެވެ. 25އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުޅެފައިވާއިރު ޖުމުލަ 34 ތަށި ވަނީ ހޯދާފައެވެ. އަދި 988 މެޗުން 573 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ.