އޭސީ މިލާންގެ މައްޗަށް 1-3 އިން ކުރި ހޯދައި އިޓާލިއަން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 78 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 74 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިންވަނައިގައި 60 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ. ރޭގެ މެޗުން ބަލިވި މިލާން އޮތީ 50 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ އަށްވަނަ މިނެޓްގައި ޕައުލޯ ޑިބާލާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލު ޑިބާލާ ކާމިޔާބުކުރީ މިލާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި މިލާނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު މިލާނަށް ކާމިޔާބުކޮށްދިނީ ކުރިން ޔުވެންޓަސް އަށް ކުޅުނު ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީއެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި މިލާނަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ 79 ވަނަ މިނެޓްގައި ޔުވެންޓަސް އިން މެޗުގެ ލީޑު ނެގުމެވެ. ޔުވެންޓަސް އަށް މި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުއާން ކުއަޑްރާޑޯއެވެ.

އަދި މި މެޗުން ތިން ޕޮއިންޓު ޔުވެންޓަސް އަށް ކަށަވަރުކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެމީ ކެދީރާއެވެ.

ލީގުގެ އެއްވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޔުވެންޓަސް އާއި އެންމެ ގާތުން ލީގަށް ވާދަކުރަމުން އަންނަ ނަޕޯލީ ވަނީ ރޭ ކުޅުނު މެޗުން އެއްވަރުވެފައެވެ. ނަޕޯލީ އެއްވަރުވީ ލީގުގެ 16 ވަނައިގައި އޮތް ސަސުއޯލޯ އާއި ބައްދަލުކޮށް 1-1 އިންނެވެ.