ފުޓުބޯޅަ ކުޅުންތެެރިން އާންމުކޮށް ޗުއްޓީ ހޭދަކުރަނީ ބޮޑެތި ހަރަދުތައް ކޮށްގެންނެވެ. އާންމުކޮށް ލަކްޒަރީ ޔޮޓުތަކުގައި ޕްރައިވެޓް ޗުއްޓީތައް މިހާރަކަށް އައިސް ގިނަ ވަމުންދާއިރު، ދާދިފަހުން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޔޮޓެއްގައި ޗުއްޓީ ހޭދަކުރި ވާހަކަ އާންމުވިއެވެ. ޔޮޓުތަކަށް ކުޅުންތެރިންގެ ޑިމާންޑް ބޮޑުވެފައިވާއިރު، އެންމެފަހުން އަމިއްލަ ޔޮޓެއް ކުއްޔަށް ނެގި ކުޅުންތެރިންނަކީ ބާސެލޯނާގެ ލިއޮނަލް މެސީއާއި ލުއިޒް ޝުއަރޭޒްގެ އިތުރުން ކުރިން އެ ކްލަބަކަށް ކުޅުނު ސެސްކް ފެބްރިގާސްއެވެ.

އަބަދުވެސް ގާތް ރަހުމަތްތެރިންގެ ގޮތުގައި އެ ތިން ކުޅުންތެރިން ފާހަގަކޮށްލެވޭއިރު، ޗުއްޓީތަކުގައި ގިނައިން ފެންނަނީ އެކުގައެވެ. މިފަހަރު ތިން މީހުންގެ ޗުއްޓީންވެސް ދަރިން ފެނިފައިނުވާއިރު، ފެނުނީ އަނބިންނެވެ. ލަކްޒަރީ ޔޮޓެއް ކުއްޔަށް ހިފައިގެން އެ ތިން ކުޅުންތެރިންވެސް ޗުއްޓީ ހޭދަކުރިއިރު، އެ ޔޮޓަކީ 40،000 ޕައުންޑް ހަފްތާއަކު ދައްކަން ޖެހޭ ޔޮޓެކެވެ.

ޔޮޓުގެ ބައެއް މައުލޫމާތު ދަ ސަންއިން ހާމަކޮށްފައިވާއިރު، 92 ފޫޓުގެ ދިގު ޔޮޓަކީ ލަކްޒަރީ ތިން ރޫމް ހިމެނޭ ޔޮޓެކެވެ. 2003 ވަނަ އަހަރު ބަނދެފައިވާ ޔޮޓުގައި އާޓިފިޝަލް ރާޅު ޖަހާ ތަނެއް ހިމެނޭއިރު، ވީއައިޕީ ސްޓޭޓް ރޫމެއްވެސް ހިމެނެއެވެ. ޖެޓް ސްކީތައްވެސް ޔޮޓާއެކު ހިމެނޭއިރު، ޔޮޓްގެ ސްޕީޑެއް ކަމަށް ބެލެވެނީ 22 ނޮޓެވެ.

ޔޮޓުގައި ރަނގަޅު ޗުއްޓީއެއް ހޭދަކުރުމަށްފަހު ޝުއަރޭޒް މިހާރު ޓީމާ ގުޅިފައިވާއިރު، މެސީ އަދި ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ. އާޖެންޓީނާއާއެކު ކޮޕާ އެމެރިކާގައި މެސީ ކުޅުނުއިރު، ޝުއަރޭޒް ވަނީ އުރުގުއޭއާއެކު މުބާރާތް ކުޅެފައެވެ.