އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނަށް ރޭ މަރުހަބާ ކިޔާފައިވާއިރު، އެންމެފަހުން ދެއަހަރުގެވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުން މިއަދު މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ސިޓީން ރަށުން ބޭރުގައި ވެސްޓް ހަމް ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. ރޭ ލިވަޕޫލުން 4-1ގެ ނަތީޖާއަކުން ނޯވިޗް ބަލިކުރިއިރު، ލީގަށް ވާދަކުރާނެ ކަމަށް ބެލެވޭ ސިޓީއާ ލިވަޕޫލުންވެސް ވަނީ ފެންވަރު ދައްކާލާފައެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީން ރަނގަޅު ކުޅުންތެރިންތަކެއް ސްކޮޑަށް އިތުރު ކޮށްފައިވާއިރު، މިއަދުގެ މެޗުގައި ޓީމާ އަލަށް ގުޅުނު ރޮޑްރީ ފެނިގެން ގޮސްފައިވެއެވެ. އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ. ސިޓީން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލް ބަލިކުރިއިރު، އެ މެޗުގައި އަނިޔާވި ލެރޮއި ސާނޭގެ ބަދަލުގައި ފުރަތަމަ 11 އިން ފެނުނީ ރެޔާދް މަހަރޭޒްއެވެ.

ފުރަތަމަ 11 ގައި ސާޖިއޯ އަގުއޭރޯ ހިމަނާފައި ނުވާއިރު، މެޗު ފެށީ ގެބްރިއަސް ޖީސަސްއާ އެކުގައެވެ.

ސިޓީން ފެވަރިޓުންގެ ގޮތުގައި މެޗަށް ނުކުތްއިރު، ސިޓީން ވަނީ ލީގު ފެވަރިޓުންނަކީވެސް އެޓީމުކަން ދައްކާލާފައެވެ. މަހަރޭޒްގެ ފަޅިން ވޯކާ ކުރިއަށް ޖެހި، ތިރިތިރިން ނަގައިދިން ބޯޅަ ގޯލަށް ވައްދާލާ 25 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޖީސަސްއެވެ. އެ ގޯލާއެކު ސިޓީން އިތުރަށް ކުރިއަށް ޖެހި އިތުރު ގޯލްތަކަށް މަސައްކަތް ކުރިއިރު، ދެވަނަ ގޯލް ފެނުނީ ދެވަނަ ހާފްގެ ކުރީކޮޅުގައެވެ.

ޑިބްރޭނާގެ ބޯޅައަކުން ސްޓާލިން ގޯލްޖެހިއިރު، އޭގެ 10 ވަރަކަށް މިނެޓްފަހުން ސްޓާލިން އޭނާގެ ދެވަނަ ގޯލް ޖެހިއެވެ. ދެވަނަ ހާފްގައި ކުޅެން ނުކުތް އަގުއޭރޯގެ ޕެނެލްޓީއަކާއެކު ސިޓީން ހަތަރުވަނަ ގޯލެއް ޖެހިއިރު، ސްޓާލިން ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 90 ވަނަ މިނެޓުގައެވެ.