އާސެނަލްގެ ތަރި، މެސުޓް އޮޒިލްގެ ގެއަށް ގަވާއިދާ ހިލާފަށް ވަންނަން އުޅުނު ދެމީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިދިޔަ މަހުގެ ތެރޭގައި ލަންޑަންގައި އޮޒިލްއާއި ކޮލާސިނިޗް ދުއްވާފައި ދިޔަ ކާރެއް ބަޔަކު ވަނީ ހުއްޓުވާފައެވެ. އަދި ވީޑިއޯ ފުޓޭޖް ފެންނަ ގޮތުން އެ ދެކުޅުންތެރިންނަށްވެސް ވަނީ ބަޔަކު ބިރު ދައްކާފައެވެ. އަދި އެ ބައެއްގެ ކިބައިން ސަލާމަތްވުމަށް ކޮލާސިނިޗާއި އޮޒިލްވެސް ކާރުން ފައިބާ ދިފާއުގައި ހަމަލާ ދޭތަންވެސް ފެނެއެވެ.

އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާތީ، އޮޒިލްއާއި ކޮލާސިނިޗް މި ހަފްތާގައި އާސެނަލްއިން ކުޅޭ މެޗުގެ ސްކޮޑުގައިވެސް ހިމަނާފައެއް ނުވެއެވެ.

އޮޒިލްއާއި ކޮލާސިނިޗްގެ ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވަނިކޮށް، ރޭގެ ވަގުތެއްގައި އޮޒިލް ދިރިއުޅޭ ގެއަށް ވަންނަން ދެމީހަކު ވަނީ މަސައްކަތް ކޮށްފައެވެ. އެގޭގެ ސެކިއުރިޓީއާ ކުރިމަތިލާ، އަނިޔާ ކޮށްފައިވާއިރު، ފުލުހުން ވަނީ ހައްޔަރު ކުރި ދެމީހުގެ ވަނަވަރުވެސް ހާމަކޮށްފައެވެ.

ފަރްހަަތު އެރިކަންއާއި ސަލާމާން އެކިންސީ ނަމަކަށް ކިޔާ ދެމީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ސަލާމާންއަކީ އާސެނަލްގެ އެންމެ ވާދަވެރި ކްލަބު ޓޮޓެންހަމްއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ބުނެފައި ވަނީ އެ ދެމީހުންވެސް މިހާރު ތިބީ ބަންދުގައި ކަމަށާއި، ކޯޓަށް ހާޒިރުކުރުން އޮންނާނީ ސެޕްޓެންބަރު ހަވަނަ ދުވަހު ކަމަށެވެ.