ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފިލިޕް ކުޓީނިއޯ އެޓީމަށް ގެންދަން މަސައްކަތް ކުރާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ބާސެލޯނާއަށް ކުޅެމުންދާ ބްރެޒިލްގެ ކުޓީނިއޯ، ބާސާ ދޫކޮށްލަން ތައްޔާރުވަމުންދާއިރު، އިނގިރޭސި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އާސެނަލްއިން އޭނާ ގެންދަން އުޅުނު ކަމަށް އަޑުތައް ފެތުރުނެވެ. އެހެން ނަމަވެސް އެ ޓްރާންސްފާ ކާމިޔާބު ވެފައެއް ނުވެއެވެ. މިދިޔަ ސީޒަންގައިވެސް ބާސާގެ ފުރަތަމަ 11 އިން ކުޓީނިއޯއަށް އާންމުކޮސް ޖާގަ ލިބިފައި ނުވާއިރު، އޭނާ ލިވަޕޫލް ދޫކޮށް ދިޔަފަހުން އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިއަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލާއެކު މޮޅު ކުޅުމެއް ދައްކާ، އެ މުބާރާތުގެ ތަށިވެސް ބްރެޒިލުން އުފުލާލިއިރު، ސްޕެއިންގެ އެންމެ ވަރުގަދަ އެއް ނޫސް، މުންޑޯ ޑެޕޮޓީވޯއިން ބުނެފައި ވަނީ ބަޔާންއިން ކުޓީނިއޯ ގެންދިޔުމަށް އެޖެންޓާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ ސީޒަނަށްފަހު ބަޔާންގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ފްރޭންކް ރިބަރީއާއި އާރްޔެން ރޮބެންވެސް ރިޓަޔާކޮށްފައިވާއިރު، އެ ދެކުޅުންތެރިން ނެތްތަން ފޫބެއްދުމަށް، ބަޔާންއިން އަންނަނީ ޓްރާންސްފާތައް ކުރަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި، ކްރޮއޭޝިއާގެ ތަރި ޕެރިސިޗްވެސް ވަނީ ބަޔާންއަށް ބަދަލުވުމަށް މެޑިކަލް ފުރިހަމަ ކޮށްފައެވެ.