ޒުވާން ކުޅުންތެރިން ސޮއިކުރުވުމުގައި އޮންނަ ފީފާގެ އުސޫލްތަކާ ހިލާވިކަމަށް މެންޗެސްޓާ ސިޓީން އެއްބަސްވި ނަމަވެސް، އެ ކްލަބަށް ޓްރާންސްފާ ބޭންއެއް ނައިސް ސަލާމަތް ވެއްޖެއެވެ.

ފީފާއިން ސިޓީއަށް ދީފައިވާ އަދަބަކީ 315،000 ޕައުންޑުން ޖޫރިމަނާ ކުރުމެވެ. ފީފާއިން ބުނެފައި ވަނީ ސިޓީން ހިލާފުވެފައި ވަނީ ޗެލްސީންވެސް ހިލާފުވި 19 ވަނަ މާއްދާއާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ޓްރާންސްފާތަކުގައި ގެންނަ ކުޅުންތެރިޔާއަށް 18 އަހަރު ވާން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއެވެ. ފީފާއިން ސިޓީއަށް އަދަބު ދީފައި ވަނީ 2016 ވަނަ އަހަރު އެ ކްލަބުން ކޮށްފައިވާ ޓްރާންސްފާއެއްގެ މައްސަލައިގައެވެެ.

ލަފާކުރެވޭ ގޮތުގައި އެއީ ގާނާގެ ޑްރީމް ފުޓްބޯލް އެކަޑެމީން ސިޓީން ގެންދިޔަ ސިއެރާ ލިއޯންގެ ޖޯޖު ޑޭވިސްއާއި ގާނާގެ ޑޮމިނިކް އޮޑޫރޭ 18 އަހަރު ނުވަނީސް ކުޅުވި މައްސަލައިގައެވެ. ފީފާއިން 18 އަހަރުން ދަށުގެ ކުޅުންތެރިންގެ ޓްރާންސްފާގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން، ހަރުކަށިކޮށް ބަލަމުންދާއިރު، ޗެލްސީ ދެ ޓްރާންސްފާ ސީޒަނަށް ބޭން ކުރީވެސް އެ މާއްދާގެ ދަށުންނެވެ.

ދެ ކްލަބުންވެސް އެއް މާއްދާއަކާ ހިލާފުވެފައިވާއިރު، ދެ އަދަބެއް އައީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ޗެލްސީގެ އަދަބު އިސްތިއުނާފް ކުރުމުންވެސް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ވަނީ ދަމަހައްޓާފައެވެ.

ފީފާގެ ގަވާއިދު ބުނާގޮތުން 18 އަހަރު ނުވާ ކުއްޖަކު ކްލަބަކަށް ގެންދާ ނަމަ، އެ ކުއްޖެއްގެ އާއިލާވެސް ކުއްޖާއާއެކު ދާން ޖެހެއެވެ. އަދި ފީފާގައި ބުނާ މިންގަނޑަކަށް ދިރިއުޅުމުގެ މިންގަނޑާއި ތައުލީމީ މިންގަނޑު ބައްޓަން ކުރަން ޖެހެއެވެ. އަދި އެ އާއިލާއިން ދިރިއުޅެން ޖެހެނީ ކްލަބާ 100 ކިލޯމީޓަރަށްވުރެ ދުރު ނުވާނެ ހިސާބެއްގައެވެ.