އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، ސިޓީން ފަހުު މިނެޓްގައި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ގެބްރިއަލް ޖީސަސް ޖެހި ބޯޅަ ގޯލަށް ވަންއިރު، ވީއޭއާރް އެހީގައި ރެފްރީ ނިންމީ އެ ބޯޅަ ގޯލް ތެރެއަށް ވަނީ ސިޓީގެ ޑިފެންޑަރު އެމްރިކް ލަޕޯޓްސް އަތުގައި ޖެހިފައި ކަމަށެވެ.

ސިޓީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔައީވެސް ވީއޭއާރްގެ ނިންމުންތަކެއްގެ ޝަކުވާތަކާއެކުގައެވެ. މިއަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުން ކުރަންފެށިއިރު، ރެފްރީންނަށް ވަނީ ބޮޑެތި ފަސޭހަތަކެއް ވެފައެވެ.

މިރޭގެ މެޗުން ސިޓީން ތިން ޕޮއިންޓް ގެއްލުވާލިއިރު، މިއީ މިދިޔަ އަހަރު ޑިސެންބަރު މަހަށްފަހު ސިޓީން އަމިއްލަ ދަނޑުގައި ޕޮއިންޓެއް ގެއްލުވާލި ފުރަތަމަ ފަހަރެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެމްޕިއަން ސީޓިންނެވެ. ލީގުގެ ފުރަތަމަ މެޗުގައި ހެޓްރިކްވެސް ހެދި ސްޓާލިން ބޮލުން ޖެހި ގޯލާއެކު ސިޓީން ލީޑު ނެގިއިރު، އޭގެ ތިން މިނެޓްފަހުން އެރިކް ލަމޭލާ ވަނީ ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ހާފް ނިމުމުގެ ކުރިން އަގުއޭރޯގެ ހިތްގައިމު ގޯލާއެކު ސިޓީން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސ،ް ދެވަނަ ހާފްގެ ކުރީކޮޅުގައި ލޫކަސް މޯރާ ވަނީ ޓޮޓެންހަމްއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. މެޗަށްފަހު ސިޓީގެ ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.