މެންޗެސްޓާ ޔުނައިޓެޑުން ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 1-1އިން އެއްވަރު ވެގެން ނިިމުނުއިރު، މެޗުގައި ޔުނައިޓެޑަށް ލީޑު ނަގާނެ ރަނުފެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީ ޕޮގްބާ ނާކާމިޔާބު ކޮށްލުމުން ޔުނައިޓެޑަށް ރޭގެ މެޗުން ތިން ޕޮއިންޓް ގެއްލުނުއިރު، ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އޭނާއާ ދިމާކޮށްފައެވެ.

ހާއްސަކޮށް މީސް މީޑިއާގައި ސަޕޯޓަރުން ޕޮގްބާއާ ދިމާކޮށްފައިވާއިރު، ޔުނައިޓެޑްގެ ސަޕޯޓަރަކު ކުރި ނަސްލީގޮތުން ދިމާކުރުމުގެ ޓްވީޓެއްގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން ޔުނައިޓެޑުން ބަޔާނެއްވެސް ނެރެފައިވާއިރު، އެ ޓްވީޓްކުރީ ކާކުކަން ހޯދާ، އެމީހަކާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ ނަސްލީގޮތުން ޕޮގްބާއާ ދިމާކުރި ސަޕޯޓަރުގެ އަމަލުތައް ކުށްވެރިކުރަން ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ގޮވާލާ ކަމަށާއި، އެފަދަ ކަންކަމަކީ ޔުނައިޓެޑްގެ އުސޫލުތަކާ މުޅިން ހިލާފު ކަންތައް ކަމަށެވެ. އަދި މީސް މީޑިއާގައި އެފަދަ ބަސްތައް ބޭނުން ކުރާ މީހުން ހޯދުމަށް އެފަރާތްތަކަށް ގޮވާލާ ކަމަށްވެސް ޔުނައިޓެޑްގެ ބަޔާނުގައިވެއެވެ.

ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑު ބުނެފައި ވަނީ މިހާރު ފުދިއްޖެ ކަމަށާއި، އެފަދަ ނާތަހުޒީބީ ކަންކަން ހުއްޓަން ވެއްޖެ ކަމަށެވެ. އަދި ޔުނައިޓެޑަކީ އާއިލާއެއް ކަމަށާއި، ޕޮގްބާއާ ދިމާކޮށް، ހަމަލާ ދިނުމަކީ މުޅި ޔުނައިޓެޑާ ދިމާކޮށް، އެންމެނަށް ހަމަލާ ދިނުން ކަމަށް ބުނެފައިވެއެވެ. މި ސީޒަންގައި ޔުނައިޓެޑަށް ބަދަލުވި ހެރީ މެގެއާ ބުނެފައި ވަނީ ފީކަޅާ ކަންތައް ކުރުން ކުށްވެރިކުރާ ކަމަށާއި، އެހެން ބުނި މީހަކީ ލަދެއް ކަމަށެވެ.