އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް، ރާއްޖެއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިއީ 2016 ވަނަ އަހަރަށްފަހު ރާއްޖެއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗަކީ ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ނޭޕާލާއި ރާއްޖެވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކިރިގިސްތާން އަތުން ތިން ސެޓުން ބަލިވެފައި އޮތްއިރު، ގްރޫޕްގައި ހިމެނެނީވެސް ތިން ޓީީމެވެ. މިއަދު މެޗަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެވެ.

މީގެ ދެ އަހަރު ކުރިން މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އަތުން 3-1 އިން ބަލިވެ ފުރުސަތު ގެއްލުނުއިރު، މިއަދުގެ މެޗަކީ ނޭޕާލްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެކަމުގެ ބަދަލުހިފަން ރާއްޖެއަށް ލިބުނު ފުރުސަތެވެ.

ނޭޕާލްގެ އެތައް ސަޕޯޓަރުންނާއެކު ލަގަންކެއި އާމީ ކަވާޑް ހޯލްގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. ކުރީ ބައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގާ، 9-3 އަކަށް ނަތީޖާ ބަދަލުކުރިވެސް މެއެވެ. އެހެން ނަމަވެސް ފުރަތަމަ ޓެކްނިކަލް ޓައިމް އައުޓަށްފަހު ނޭޕާލްއިން މެޗަށް އަނބުރާ ވަދެ، 10-10 އަކަށް ނަތީޖާ އެއްވަރުވެސް ކުރިއެވެ.

އެހެން ނަމަވެސް މެޗުގެ ފަހުކޮޅަށް ގޮސް އަނެއްކާވެސް ރާއްޖެއިން ފަސްވަރަކަށް ޕޮއިންޓްގެ ލީޑެއް ނަގާ ނިންމަވެސް ދިޔައެވެ. އެހެން ނަމަވެސް ފަހު ތިން ޕޮއިންޓަށް ގޮސް ރާއްޖެއަށް ނިންމަން ޕްރެޝަރުވިއިރު، ސެޓު ރާއްޖެއިން ގެންދިޔައީ 25-22 އިންނެވެ.

ދެވަނަ ސެޓު ނޭޕާލުން ފެށީ ރަނގަޅަށެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު ނޭޕާލުން ކުޅެމުންދިޔައިރު، ރެފްރީގެ ނިންމުމަކާ ޝަކުވާ ކުރުމުން ރާއްޖޭގެ އަހުސަނަށް ސެޓުގެ ކުރީކޮޅުގައި ރަތް ކާޑުވެސް ދެއްކިއެވެ. އެ ރަތް ކާޑާއެކު ދިވެހި ޓީމުން ފެނުނީ އިތުރު ހިތްވަރަކާއެކު ކުޅުނުތަނެވެ. ހަތަރު ޕޮއިންޓްގެ ލީޑެއްގައި ނޭޕާލް އޮއްވާ، ޖޯޝާއެކު ކުޅެ ސެޓުގެ މެދު ތެރެއިން ދެ ޕޮއިންޓްގެ ލީޑެއް ނެގިއެވެ.

ކުޑަ ކާއްޓޭ ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުންދިޔައިރު، ސެޓުގެ ފަހުކޮޅުގައި ރާއްޖޭ ޓީމުގެ ވަރުގަދަ ބްލޮކްތަކެއްވެސް ފެނިގެންދިޔައެވެ. ހާއްސަކޮށް މެޗުގެ ފަހު ދެތިން ޕޮއިންޓްގައި ރާއްޖެއަށް ޕްރެޝަރު އެންމެ ކުޑަކޮށްދިން ކުޅުންތެރިޔަކަށް ފާހަގަވީ ކާއްޓޭއެވެ. ކާއްޓޭ ބެކް ކޯޓުން ވަރުގަދަ އެޓޭކްތަކެއް ކުރިއިރު، ރާއްޖެއިން ދެވަނަ ސެޓު ގެންދިޔައީ 25-21 އިންނެވެ.

ތިންވަނަ ސެޓަށް ނުކުތްއިރު، ޓީމު ފެނުނީ ވަރަށް ވަރުގަދަ ހިތްވަރެއްގައި ކުޅެމުންދިޔަތަނެވެ. ނޭޕާލްގެ ކުޅުންތެރިންގެ ފަރާތުން އަމިއްލަ ގޯސްތައް ގިނަކޮށް ފެނުނުއިރު، ރާއްޖޭގެ ބްލޮކްވެސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އޭގެ އިތުރުން އެޓޭކްގައި ކެޕްޓަން ހުޒަންޓޭއާއި ކުޑަ ކާއްޓޭގެ ރަނގަޅު ހަމަލާތަކެއް ފެނުނެވެ. ރާއްޖެއިން ގާތް ގަނޑަކަށް އަށް ޕޮއިންޓްގެ ލީޑެއްގައި ކުޅެމުން ގޮސް މެޗު ގެންދިޔައީ ތިންވަނަ ސެޓު 25-14 އިންނެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އޭވީސީ މުބާރާތުގެ ސެމީއަށް ރާއްޖެ ގޮސްފައިވާއިރު، އެފަހަރު އެނބުރި ގައުމަށް އައީ ލޯ މެޑަލްއާ އެކުގައެވެ. ރާއްޖެއިން ސެމީގައި ކުޅެން ޖެހޭ ޓީމު އެނގޭނީ މިރޭ ކުޅޭ ގްރޫޕް ބީގެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ތުރުކެމެނިސްތާން ވާދަކުރާ މެޗަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަދީފް

  އުޒްބަކިސްތާނާ ކަމަށް ވަނީ ކުޅެން ޖެހޭނީ! އެމީހުން ގްރޫޕްގެ އެއްވަނަ ހޯދާފަ ވަނީ!

 2. ޛަލަޖސ

  މި މުޗުގަ ދަގަނޑޭ ކުޅުނު ބާ... ފޫހިވަނީ ޗޯކަށްވުރެ މޮޅަށް ދެންތިބޭ މީހުންނަށް އެނގޭތީ

  4
  9
 3. ާައަސްލަމް

  މަރު ހަބާ މަހު ލޫފް

  3
  3
 4. ރާސްތާ

  މަރްހަބާ ދިވެހި ގައުމީ ވޮލީޓީމް. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް އަޅާށެވެ. އަޅަންވާ ހުރިހާ ފިޔަވަޅެއް އެއްފަހަރާ އަޅަން އުޅެނިކޮށް މަގުއޮޅިދާނެއެވެ. މެޗަކަށްފަހު މެޗެއް ނަގާ ފައިނަލަށް ދަތުރުކުރެވޭތޯ މަސައްކަތް ކުރާށެވެ. އަހަރެމެން މިތިބީ ޑިވެހިޓީމާ އެކުގައެވެ.