ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗު ޓީމު ބަންގްލަދޭޝް އަށް ފުރައިފިއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ފަސް ގައުމަކުން ވާދަކުރާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް، ބޫޓާން، ކިރިގިސްތާން، ޕާކިސްތާން އަދި ނޭޕާލް އެވެ.

ސެންޓަރް ޒޯން މުބާރާތުގައި ވާދަކުރުމަށް ޤައުމީ ޓީމު ފުރާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. މިފަަހަރުގެ ޓީމުން ވަނީ އެއް ބަދަލު ފެނިފައެވެ. އެއީ މުޙައްމަދު އަލީ (ޑެންޒޯ)ގެ ބަދަލުގައި، ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިންނެވެ. ރާއްޖޭ ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަނީ ޝަމާއިލް ޕެއާގައި ހިމެނީ އަޙުމަދު މުޙައްމަދު (ކޯކޭ)، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އެވެ. ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ މިއަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ. އެ ގޭމްސްގައި ވާދަކޮށް، ނެރުނު ނަތީޖާއާ އެކު ރާއްޖެ އަށް ބީޗު ވޮލީގައި ކުރިމަގު އުޖާލާކަމަށް ކޯޗު ވިނީޝިއުސް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބީޗު ވޮލީ ޓީމު ވަނީ މިއަހަރު ސެންޓްރަލް އޭޝިއާ ޒޯންގެ ބީޗު ވޮލީ މުބާރާތާއި، ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ވެސް ކުޅެފަ އެވެ. އޭގެ ފަހުން މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ބީޗު ވޮލީގެ ބައިނަލްއަޤުވާމީ މުބާރާތް، އެފްއައިވީބީ ބީޗް ޕްރޯ ޓުވާ މޯލްޑިވްސްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

ހަމައެހެންމެ، ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމުގެ ގޮތުން ދިވެހި ވޮލީބޯޅަ ވެޓަރެންސް އެސޯސިއޭޝަން(ޑީވީވީއޭ) އިން ތައިލެންޑްގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް މި މަހު 27 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ތައިލެންޑްގެ ބެންކޮކްގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ޑީވީވީއޭގެ 13 ޓީމެއް ވާދަކުރުމަށް ވަނީ ނިންމާފައެވެ. މި ޓީމުތަކުގައި ހިމެނެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށްވާއިރު، ގިނަ ކުޅުންތެރިން ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެފައެވެ. މި މުބާރާތުގައި ޑީވީވީއޭގެ ފަރާތުން އުމުރުން 35 އަހަރުން މަތީގެ ޑިވިޝަނުގައި ޖުމުލަ ހަތަރު ޓީމެއް ވާދަކުރަން ވަނީ ނިންމާފައެވެ. އަދި ފިރިހެން އޯޕަންގައި ދެ ޓީމު ބައިވެރިވެފައިވާއިރު އަންހެން އޯޕަންގައި ވެސް ދެ ޓީމު ބައިވެރިވެފައިވެއެވެ. އަދި އޯޕަން މިކްސްގައި ޑީވީވީއޭގެ ފަސް ޓީމެއް ވާދަކުރަން ވަނީ ނިންމާފައެވެ.