ރާއްޖެ ލީޑު ނަގާފަައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ސެޓުތަކާއެކު އޭވީސ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އުޒްބެކިސްތާން މޮޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު އުޒްބަކިސްތާން އަތުން ބަލިވީ 3-1 ސެޓުންނެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގައި ލިބެރޯ ނުލާ ދިވެހި ޓީމު ކުޅުނުއިރު ފުރަތަމަ މެޗުގައި ދިވެހި ޓީމު ކުޅުނީ އެ ދުވަހު ބަންގްލަދޭޝްއަށް ގޮސް ދަތުރު ވަރުބަލީގައެވެ.

ދެވަނަ މެޗުގައި ލިވެރޯ ކުޅުންތެރިޔާ ޖަވާމް އަލީ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗު ކުޅުނުއިރު އޭނާއަށް ބަންގްލަދޭޝްއަށް ނުދެވެއެވެ.

ފުރަތަމަ މެޗުގައި ދިވެހި ގިނަ ކުޅުންތެރިންނަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދިޔައީ ސެޓަކަށްފަަހު ސެޓެއް ކުޅުން ރަނގަޅުކުރަމުންނެވެ. އުޒްބަކިސްތާނާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.

ރާއްޖޭގެ ކުޅުންތެރިންގެ ބުރަ މަސައްކަތުން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 22-25 އިންނެވެ. ނަމަވެސް އުޒްބަކިސްތާނުން ވަނީ ދެވަަނަ ސެޓުގައި ކުޅުން ބޮޑުތަަން ރަނގަޅުކޮށްފައެވެ. މެޗުގެ ދެވަނަ ސެޓު އުޒްބަކިސްތާން ކާމިޔާބުކުރީ 25-22 އިންނެވެ. މެޗުގެ ފަހު ދެ ސެޓު އުޒްބަކިސްތާން ކާމިޔާބުކޮށްފަައި ވަނީ 25-18 އަދި 25-18 އިންނެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު މިއަދު ބައްދަލުކުރާނީ ނޭޕާލާއެވެ. އަދި ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ސްރީލަންކާއާއެވެ.