އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ލަންކާ އަތުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިޔަށްދާ އަންހެނުންގެ މުބާރާތުގައި ލަންކާއާއި ދެކޮޅަށް ކުޅުނު މި މެޗުގެ ކުރީކޮޅު ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ސެޓަކަށް ފަހު ސެޓެއް ދިޔައީ ކުޅުން ދަށްވަމުންނެވެ.

ފުރަތަމަ ސެޓުގައި އަންހެން ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ސެޓު 17-25 އިން ލަންކާ ކާމިޔާބުކުރި ނަމަވެސް ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔަ އެވެ. ރާއްޖޭގެ ޒުވާން ކުޅުންތެރިންތަކެއް ގެ މައްޗަށް އެކުލެވޭ މި ޓީމުގެ އެވްރެޖް އުމުރު 23 އަހަރަށްވުރެ ދަށެވެ.

ލަންކާގެ ފަރާތުން ބޮޑަށް ފެނުނީ އެމީހުންގެ ތަޖުރިބާ ބޭނުންކުރި ތަނެވެ. ފުރަތަމަ ސެޓުގައި ދިވެހި ޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ލަންކާއިން ރާއްޖޭގެ މައްޗަަށް އަތްގަދަކުރީ އެ ތަޖުރިބާގެ އަލީގައެވެ.

ފުރަތަމަ ސެޓާއި ހިލާފަށް ލަންކާ ވަނީ ދެވަނަ ސެޓުގައި ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ. އެ ޓީމުގެ ހަމަލާތައް ވަރުގަދަކޮށް މި ސެޓުގެ ކޮންޓްރޯލް ހޯދައިގެން ސެޓު ނިންމާލީ 12-25 އިންނެވެ. އަދި ތިންވަނަ ސެޓުގައި ވެސް ފެނުނީ ލަންކާގެ އެ ތަޖުރިބާއިން ސެޓު ކާމިޔާބުކުރި ތަނެވެ. މި ސެޓު އެ ޓީމު ކާމިޔާބުކުރީ 14-25 އިންނެވެ.

އެންމެ ފަހުން 2019 ގައި ބޭއްވި މުބާރާތުގެ ރިހިމެޑަލް ހޯދި ދިވެހި ޓީމު މި މުބާރާތާއި ކުރިމަތިލީ އޭރު ސީނިއާ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިންނާއެކު އެވެ. ދެން ތިބީ ވަރަށް ޒުވާން އުއްމީދީ ކުޅުންތެރިންނެވެ.

ރާއްޖެއާއެކު މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ އުޒްބަކިސްތާނާއި ކިރްގިސްތާނުގެ އިތރުން ސްރީލަަންކާ އަދި ބަންގްލަދޭޝް އެވެ.

ރާއްޖެއިން އާދީއްތަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާކަނާމާ

    ކޮންބައެއް އަތުންތަ ކާމިޔާބެއްލިބުނީ ؟ ތީ ހަމަ ކަނޑަށް އަޅާ ރައްޔިތުން ގެ ފައިސާ ، ތިޔަ ސަކާރާތް ވަގުތުން ވަގުތަށް ހުއްޓާލާ...

    19
    • ޙަސަނު

      100% ތާއީދު