2018 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހާ އަދި ޞިއްޙީ މަރުކަޒުގެ 14 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން އއ.ހިމަންދޫ ޞިއްޙީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ 1 ވަނަ އިންޓަރ އޮފީސް ވޮލީ މުބާރާތް އިއްޔެ ހަވީރު އެރަށުގައި ފަށައިފިއެވެ.

މިއީ ޞިއްޙީ މަރުކަޒުން އިސްނަގައިގެން ހިމަންދޫގެ ސަރުކާރުގެ އެއްމެހާ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ހެލިފެލިވެއުޅުމުގެ އާދަ ރައްޔިތުންގެ ހިތްތަކުގައި އުފެއްދުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ހަރަކާތްތަކެއްކަމަށް އެމަރުކަޒުން މައުލޫމާތުދެއެވެ.

ހިމަންދޫ ސިއްޙީ ަރުކަޒުން ކުރިއަށް ގެންދާ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ތެރެއިން - ފޮޓޯ: އއ. ހިމަންދޫ ސިއްޙީ މަރުކަޒު

ހިމަންދޫ ޞިއްޙީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި ކޮންމެ އަހަރަކުވެސް އެ ސިއްޙީ މަރުކަޒުގެ އަހަރީދުވަސް ފާހަގަކުރަމުންދަނީ ބައިނަލް އަގުވާމީ ޞިއްހަތު ދުވަސްގެ ގޮތުގައި މުޅިދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާހަގަކުރަމުންދާ އޭޕްރީލް 7 ގައެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޭޕްރީލް 7 ގައި ކުޅެވިފައިވަނީ ބެޑްމިންޓަން ވަންޑޭކަޕެކެވެ. އެއަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމުގެ ގޮތުގައި ހޮވިފައިވަނީ ހިމަންދޫ ކުލަބު ނިއުފްރެންޑްސްއެވެ.

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ރާމިޒު ޙުސައިން "ވަގުތަށް" މައުލޫމާތުދިން ގޮތުގައި އެމަރުކަޒުން އިއްޔެ ފެށި ވޮލީ މުބާރާތަކީ އއ.ހިމަންދޫގެ ތާރީޚުގައި ވެސް ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ކުރިޔަށްދާ ފުރަތަމަ ވޮލީ މުބާރާތެވެ.

ހިމަންދޫ ސިއްޙީ ަރުކަޒުން ކުރިއަށް ގެންދާ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ ތެރެއިން - ފޮޓޯ: އއ. ހިމަންދޫ ސިއްޙީ މަރުކަޒު

2018 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސްފާހަގަކުރުމުގެ ގޮތުން ފެށި އިންޓަރ އޮފީސް ވޮލީ މުބާރާތުގައި އިއްޔެ ވަނީ 2 މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ހިމަންދޫ ސްކޫލްގެ ޓީމާއި، އެރަށު ނިކަ ސްޕޯޓްސްކުލަބެވެ. މިމެޗު ކާމިޔާބުކުރީ ނިކަ ސްޕޯޓްސްކުލަބުންނެވެ. އެމެޗުގެ މުޅުކުޅުންތެރިޔާގެ މަޤާމް ހާސިލްކުރީ ނިކަ ސްޕޯޓްސްކުލަބުގެ ޖާޒީ ނަންބަރު 5 މޫސާ ނަސީމެވެ.

އިއްޔެ ކުޅެވުނު ދެވަނަ މެޗު ހިމަންދޫ ޕޮލިސް ޓީމު ކާމިޔާބުކުރީ އެރަށު ކައުންސިލްގެ އިދާރާގެ ޓީމާއި ބައްދަލުކޮށެވެ. ދެވަނަ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހިމަންދޫ ޕޮލިސް ސްޓޭޝަން ޓީމުގެ ޖާޒީ ނަންބަރު 11 ޢަބްދުﷲ އާދަމެވެ.