އެސްޓީއޯ ބީޒެޑްގެ 18 ވަނަ މުބާރާތުގެ ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ.

މިއީ ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ކެލާ ވޮލީ ޓީމާއި މުރައިދޫ ވޮލީ ޓީމެވެ. މި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް މުރައިދޫ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މެޗުގެ ފުރަތަމަ ސެޓް މުރައިދޫއިން ގެންގޮސްފައި ވަނީ 25/18 އިންނެވެ. ދެވަނަ ސެޓް ކެލާ ޓީމުން 25/15 ކާމިޔާބުކުރި އިރު، ޖެހިގެން އައި ދެ ސެޓް 25/15، 25/14 އިން ކާމިޔާބު ކޮށްފައި ވަނީ މުރައިދޫ ޓީމުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މުރައިދޫ ޓީމްގެ ލަޝިންދު ހޮވިފައިވާއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އެ ޓީމްގެ އިބްރާހީމް ޝަރީފެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކެލާ ޓީމްގެ އަލީ ނިހާދުއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ކޯޗް މުޙައްމަދު ނަދީމެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް މުރައިދޫއެވެ.

  • ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއަކީ ފާއިތުވި 28 އަހަރު ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމްޢިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.