ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ޓްރެއިނިން ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ޔޫތު މިނިސްޓްރީ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެދުމުގެ މަތިން ސައުދީގެ ސްޕޯޓްސް މިނިސްޓްރީއާއި ސައުދީ އަރަބިއަން ވޮލީބޯލް ފެޑެރޭޝަނުން އިންތިޒާނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިން ސައުދީގައި މި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕަކީ ރާއްޖޭގައި ބާއްވަން މި އަހަރު ފުރުސަތު ލިބުނު އޭވީސީ ސެންޓްރަލް ޒޯންގެ ޗެލެންޖް ކަޕަށް ތައްޔާރުވުމަށް ހިންގާ ކޭމްޕެކެވެ.

ސައުދީގެ ވޮލީބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކޭމްޕުގައި ރާއްޖޭގެ ވޮލީ ޓީމުތަކަށް ސައުދީގެ ވޮލީ ޓީމުތަކާ ދެމެދު އެކުވެރިކަމުގެ މެޗު ކުޅުމަށް ރޭވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ދޭން ޖެހޭ އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދެމުން އަންނާނެ ކަމަށެވެ.

މި ފުރުސަތު ރާއްޖޭގެ ވޮލީ ޓީމުތަކަށް ދިނުމުން ވީއޭއެމުން ވަނީ ސައުދީގެ ސްޕޯޓްސް މިނިސްޓްރީގެ އިތުރުން އެގައުމުގެ ވޮލީބޯޅަ ފެޑެރޭޝަންއަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ދަތުރުގައި ލިބެމުން އަންނަ މެހެމާންދާރީއާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ވީއޭއެމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މާލޭގައި ހުންނަ ސައުދީ އަރަބިއާގެ ރޯޔަލް އެމްބަސީ އިން ވަނީ މި ކުޅުންތެރިންގެ ވިސާ ހަމަޖައްސައިދީފައެވެ.

މިހާތަނަށް އައިއިރު ސައުދީގައި ރާއްޖެ ޓީމުގެ ހަތަރު ފަރިތަކުރުން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މީގެން ޓީމަށް ގިނަ ފިލާވަޅުތަކެއް ދަސްވި ކަމަށާއި ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް ވީއޭއެމުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރާއްޖެ ޓީމުގެ ކުޅުންތެރިން ފާހަގަ ކުރާ ގޮތުގައި އެ ކޭމްޕު ކުރިއަށް ގެންދިޔަ މާހައުލާ މެދު ހިތްހަމަޖެހޭ ކަމަށް ވީއޭއެމުން ބުންޏެވެ.

ވީއޭއެމް އިން މި އަހަރު ކުރީކޮޅުގައި ނެރުނު ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 18 ވަނަ ދުވަހު ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ފަށަން ތާވަލުކޮށްފައިވެއެވެ.

ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ގައުމީ ފިރިހެން ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދަން ހުރި ހުރަސްތަކާ ހެދި ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރުމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ، މި ފަހުން ކުޅުންތެރިންނާ ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ފޮޓޯއިންއެފެންނަނީ ޔޯގާ ހަރަކާތްނޫންބާ؟ ކޮބާ ސަލަފުގެބޭފުޅުން ؟

    • ރެސިޕީ

      ވަރަށްރަނގަޅުސުވާލެއް ރެސިޕީ ތިކުރީ