ހަތަރު ނޭޝަންސް ކަޕުގައި ރޭ ރާއްޖެ ކުޅުނު ތިންވަނަ މެޖުން އަފްޤާނިސްތާނު އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ވޮލީ ބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ރޭ ކުޅުނު ތިންވަނަ މެޗުން އަފްޤާނިސްތާނު އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ސެމީގެ ފުރުސަތު ބަންދެއް ނުވެއެވެ.

2004 ވަނަ އަހަރުގެ ސާފްގޭމްސްއަށް ފަހު މިދެޓީމު ބައްދަލުކުރި ފުރަތަމަ މެޗްގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ވަނީ ފަށައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސެޓުގައި ފުރަތަމަ ލީޑުނެގީވެސް ރާއްޖެއިންނެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ ފުރަތަމަ ސެޓު 26-24 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އަފްޣާނިސްތާނުންނެވެ.

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ތާވަލުގެ އެއްވަނަގައި އަފްޣާނިސްތާނު އޮތް ނަމަވެސް ދެވަނަ ސެޓުގައިވެސް ފުރަތަމަ ލީޑުނަގާފައި ވަނީ ރާއްޖެއިންނެވެ. އެހެން އަފްޣާނިސްތާނުން ލީޑުނަގަމުން ދިޔައިރު، ރާއްޖެއިންވަނީ ލީޑު ފުޅާކުރަނުދީ ހިފަހައްޓާފައެވެ. އެހެން ނަމަވެސް އަފްޤާނިސްތާނުން ވަނީ 21-25ގެ ނަތީޖާއަކުން ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ސެޓާއި ދެވަނަ ސެޓެކޭވެސް އެއްފަދައިން ތިންވަނަ ސެޓުވެސް ފުރަތަމަ ލީޑު ކުރަމުން ދިޔައީ ރާއްޖެއިންނެވެ. ރާއްޖެއަށް ހެދުނު ކުދިކުދި ގޯސްތަކުގެ ފައިދާ ނަގާ އަފްޣާނިސްތާނުން ވަނީ ލީޑު ފުޅާކޮއްފައެވެ. ތިންވަނަ ސެޓު އަފްޣާނިސްތާނު ކާމިޔާބު ކުރީ 22-25ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އަފްޣާނިސްތާނުގެ ޖަރޒީ ނަމްބަރ 6 އޮޒެރިންނެވެ.

ފިރިހެން ޑީވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މެލޭޝިޔާ އާއި ސިންގަޕޫރެވެ. މިމެޖު 3-1ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައިވަނީ މެލޭޝިޔާއިންނެވެ.

މިއަދު ސެމީ ފައިނަލުގެ މެޗްތައް ފެށުމަށް ހަމަޖެހިފައި ވާއިރު، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފިރިހެން ޑިވިޝަންގެ ރޭންކިންގެ އެއްވަނަގެ ގޮތުގައި އަފްޤާނިސްތާނު ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ސެމީގައި ރާއްޖެއިން ވާދަކުރަން ޖެހޭނީ މެލޭޝިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މެންދުރު ފަހު 2:30 ގަ އެވެ.