ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީގެ ނަޕޯލީ އަތުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެވެ.

މިރޭ އިޓަލީގައި ކުޅުނު މެޗު ލިވަޕޫލްގެ މައްޗަށް ކުރިހޯދައި ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ނަޕޯލީން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފަހު ދިހަ މިނެޓު ތެރޭގަ އެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްފައިވަނީ ޑްރައިސް މާޓިންސް އެވެ.

ބެލްޖިއަމްގެ ފޯވަޑް މާޓިންސް ލަނޑު ޖަހާފައިވަނީ 81 ވަނަ މިނެޓުގައި ނަޕޯލީން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ކަހޭޖޮން ލިވަޕޫލްގެ އޭރިއާ ތެރެއިން ވަންނަން އުޅުނު ގަޑީގައި ޑިފެންޑަރު އެންޑީ ރޮބަޓްސަން އަށް ކުރެވުނު ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެއްގަ އެވެ.

ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްފައިވަނީ ކުރިން ފަރްނާންޑޯ ލޮރެންޓޭ އެވެ. ލިވަޕޫލްގެ ފަހަތުން ހޮލަންޑުގެ ޑިފެންޑަރު ވެން ޑައިކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލޮރެންޓޯ އެއް ޝޮޓުން ފޮނުވާލި ހަމަލާ މަތަކުރަން ކީޕަރު އެޑްރިއަން މަސަތްކަތްކުރި ނަމަވެސް ބޯޅަ ގޯލު ތެރެއަށް ވަދެ ނަޕޯލީން ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަ އެވެ. ހާއްސަގޮތެއްގައި ލިވަޕޫލްގެ ފޯވަޑް ސާދިއޯ މާނޭ ފުލުފުލުގައި ނަޕޯލީގެ ގޯލަށް ފޮނުވާލި ހަމަލާތައް މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަޕޯލީގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ލިވަޕޫލް އަކީ ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބުކުރި ޓީމެވެ. މިދިޔަ އަހަރު އެޓީމުން ފައިނަލަށް ދިޔައީ ޔޫރަޕްގެ ބޮޑެތި ބާރުތައް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އެގޮތުން ބާސެލޯނާގެ ދަނޑުގައި 3-0 އިން ބަލިވެފައި އޮއްވައި ދެވަނަ ލެގުގައި އެޓީމުން ވަނީ 4-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުން ބާސާ ކަޓުވާލާފަ އެވެ. ފައިނަލުގައި ލިވަޕޫލުން ތަށި އުފުލާލީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރުމަށްފަހު އެވެ.