ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިންގެ ވެލެންސިއާ އަތުން އިނގިރޭސިވިލާތުގެ ޗެލްސީ ބަލިވެއްޖެ އެވެ.

މިރޭ ލަންޑަންގެ ސްޓަމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެންސިއާ އަށް ކާމިޔާބުކޮށްފައިވަނީ 74 ވަނަ މިނެޓުގައި ރޮޑްރީގޯ މޮރޭނޯ އެވެ. އޭނާ ލަނޑު ޖަހާފައިވަނީ ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ޑާނީ ޕަރޭހޯ ނަގައިދިން ހުރަހެއްގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދައިގެންނެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ ނެގި ހުރަހެއްގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ޒުވާން ފޯވަޑް ޓޭމީ އަބްރަހަމް ފޮނުވާލި ބޯޅަ ވެލެންސިއާގެ ހޮލަންޑު ކީޕަރު ޖެސްޕާ ޗިލެސަން ވަނީ މަތަކޮށްފަ އެވެ.

އަބްރަހަމް އަށް ލިބުނު ފުރުސަތު ބޭކާރުވެ މެޗުގައި ޗެލްސީ އަށް އިތުރު ނުތަނަވަސްކަމެއް ލިބިގެންދިޔައީ އެޓީމުގެ ވިިހި އަހަރުގެ މިޑްފީލްޑަރު މޭސަން މައުންޓަށް ވެލެންސިއާގެ މިޑްފީލްޑަރު ފްރޭންސިސް ކޮކުލަން ކުރި ފައުލެއްގައި މައުންޓަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމުންނެވެ.

މައުންޓް ފޭބުމާއެކު ޗެލްސީގެ މެދުތެރެ ކޮންމެވެސް ވަރަކަށް ދޯދިޔާވި ނަމަވެސް ފުރަތަމަ ހާފު ނިމެންކައިރި ވެފައި ވަނިކޮށް އެޓީމުން ވަނީ ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ތަޖުރިބާކާރު ފޯވަޑް ވިލިއަންގެ ހިތްގައިމު ވޮލީ އާއި މާކޮސް އަލޮންސޯ ފޮނުވާލި ހިލޭ ޖެހުމުގެ ހުރަހަކަށް އަނެއްކާވެސް ވީ ކީޕަރު ޗިލެސަން އެވެ.

ދެވަނަ ހާފުގައި ވެލެންސިއާ އިން ލަނޑު ޖަހާފައިވަނީ 0-0 އިން އެއްވަރުވެފައި ވަނިކޮށް ލަނޑެއް ޖެހުމުގެ އުއްމީދުގައި ޗެލްސީގެ ކޯޗު ލަމްޕާޑު ޑިފެންޑަރު ކާޓް ޒޫމާގެ ބަދަލުގައި ފޯވަޑް އޮލިވިއާ ޖިރޫޑް ކުޅެން އެރުވި ހިސާބުންނެވެ.

ވެލެންސިއާ އިން ލަނޑު ޖެހިފަހުން ޗެލްސީ އަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ހިފޭގޮތެއް ނުވި އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ވެލެންސިއާގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ޗެލްސީ އަށް ލިބުނު ޕެނަލްޓީގައި އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލަންޑަންގައި ޗެލްސީގެ މައްޗަށް މިރޭ ލިބުނު މޮޅަކީ ދެވަނަ ބުރުން ޖާގަ ހޯދުމަށްޓަކައި ވެލެންސިއާ ކުރިއަށް އެޅި މުހިއްމު ފިޔަވަޅެކެވެ. ޗެލްސީގެ ކުރީގެ ކުޅުންތެރިއާ ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން އެޓީމު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެގެން ފައިބަން ޖެހުނުއިރު ޗެލްސީ އަށް ދެން އޮތީ ޕްރިމިއާ ލީގުގައި ވަރުގަދަ ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗެވެ.