ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ރޮނާލްޑޯގެ ސަބަބުން އެތައް މުބާރާތަކުން ކަޓައިގެން ދިއުމުގެ ހިތި ތަޖުރިބާކޮށްފައިވާ ސިމިއޯނީ ބުނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ކޮންމެ ޓީމަކުން ވެސް ޖެހިލުންވާނެ ކަމަށާއި މިރޭގެ މެޗާއި ކުރިމަތިލާން ޖެހޭނީ ހުރިހާ ގޮތަކުން ވެސް ވަރަށް ވިސްނާފައި ކަމަށެވެ.

"ތައްޔާރު ވާން މި ޖެހެނީ ގޯލު ކުރިމަތީގައި އާދަޔާހިލާފު ފޯމެއް ދައްކަމުން އަންނަ ކުޅުންތެރިއަކާ ދެކޮޅަށް. އޭނާ އަކީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ. އެ ނޫނަސް ރޮނާލްޑޯ އަތުގައި ލަނޑު ޖެހުމުގެ އެތައް ރެކޯޑެއް އެބައޮތް. އޭނާ އަކީ ނުރައްކާތެރި ކުޅުންތެރިއެއް. ދަނޑުގެ ކޮންމެ ހިސާބަކުން ލަނޑެއް ޖަހަން އޭނާ އަށ ލިބޭ ކޮންމެ ބޯޅައެއް ކޮންމެވެސް ގޮތަކުން ގޯލަށް ވެއްދޭތޯ އޭނާ މަސަތްކަތްކުރޭ. މި ވަރުގެ ކުޅުންތެރިއަކު ދެކެ ޖެހިލުންވާނެ ކޮންމެ ޓީމެއް ވެސް،" ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކޯ އެވެ. ނަމަވެސް ދެ ވަނަ ލެގުގައި ރޮނާލްޑޯ ވަނީ ހިތްގައިމު ހެޓްރިކެއް ހަދައި އެތުލެޓިކޯ މުބާރާތުން ކަޓުވާލައިފަ އެވެ.

ރޮނާލްޑޯ ރެއާލަށް ކުޅުނުއިރު ވެސް މުހިއްމު މެޗުތަކުގައި އެތުލެޓިކޯ ކޮޅަށް އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. އެގޮތުން ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގުގައިވެސް ރޮނާލްޑޯ ވަނީ އެތެލެޓިކޯ ކޮޅަށް ހެޓްރިކް ހަދައި ސިމިއޯނީ މާޔޫސްކޮށްލާފަ އެވެ.

މި ސީޒަނަށް ބޮޑު ހަރަދުކޮށްގެން ތައްޔާރުވި އެތުލެޓިކޯއާ އެކު ކާމިޔާބު ހޯދަން މި އަހަރު އިތުރު ޕްރެޝަރެއް ސިމިއޯނީ އަށް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ޕްރެޝަރަކީ ފުޓްބޯޅައިގައި އަބަދުވެސް އޮންނަ އެއްޗެއް ކަމަށާއި މި ވަޒީފާއާ ހަވާލުވަނީ އަބަދުވެސް އެކަމަށް ތައްޔާރަށް ހުރެ ކަމަށެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި މިރޭ ޔުވެންޓަސްއާ ބައްދަލުކުރާ މެޗު ފަށާނީ 12 ޖަހާއިރު އެެވެ.