އަންނަ އަހަރު ބާއްވާ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އީރާން އަތުން 13-0ގެ ބޮޑު ނަތީޖާއަކުން ބަލިވެެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް އީރާނުން ހަތް ލަނޑު ޖެހިއިރު ދެވަނަ ހާފުގައި އިތުރު ހަ ލަނޑު ރާއްޖެ ކޮޅަށް ވަނީ ވަދެފަ އެވެ.

އޭޝިއާ ބައްރުގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އީރާނާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި އިރު ރާއްޖެއާ އެއް ގުރޫޕެއްގައި ދެން އޮތީ ވެސް ވަރުގަދަ ދެ ޓީމެވެ. އެއީ ފަލަސްތީނާއި އަފްގާނިސްތާނެވެ. އެ ދެ ޓީމު ރޭ ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ.

ރޭ ކުޅުނު މެޗުތަކާއެކު ގުރޫޕް ސީގެ އެއްވަނާގައި މިވަގުތު އީރާން އޮތްއިރު ދެވަނައިގައި ލަނޑުގެ ތަފާތުން އޮތީ ފަލަސްތީނެވެ. ރާއްޖެ މިވަގުތު ގްރޫޕްގެ ފުލުގައި އޮތްއިރު މީގެ ދެ އަހަރު ކުރިން މި މުބާރާތުގެ ކޮލިފައިންގައި ކުޅުނު މެޗުތަކުން ވެސް ދިވެހި ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ބަލިވެފަ އެވެ.

އެފަހަރުގެ ކޮލިފައިންގައި އިބްރާހިމް ހަލީމް(ޖަޑާ)ގެ އިރުޝާދުގެ ދަށުން ރާއްޖެ ޓީމު ވާދަކޮށް ސީރިއާ އަތުން 0-6 އިން ބަލިވި އިރު ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 0-14 އިންނެވެ. އަދި ފަހު މެޗުގައި އޮމާން އަތުން ދިވެހި ޓީމް ބަލިވީ 0-8 އިންނެވެ.

އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ޓީމުގެ ކޯޗަކަށް މިފަހަރު ހުރީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ކޮލިފައިންގް މެޗުތަަކަށް އިރާނަށް ފުރުމުގެ ކުރިން ނިޒާމްބެ ބުނީ ޓީމުގެ އަމާޒަކީ ދިވެހި ޓީމު 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ޓީމު ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން އުއްމީދީ ނަތީޖާތަކެއް ނެރުން ކަމަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އަފްޢާނިސްތާނާއި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންވެސްޓް

    އެހެން ގައުމުތަކާއި ޚިލާފަށް ދިވެހިރާއްޖޭގެ ފުޓްބޯޅަ އަށް ސަރުކާރުން އިހުމާލު ވެފައިވާ މިންވަރު މިފެނިގެންދަނީ. ރާއްޖޭގެ ފުޓުބޯޅަ ކުރިއެއްނާރާ.

    7
    1
  2. އަޙްމަދު

    ސާބަހޭ ދިވެހި ފުޓްބޯޅަޓީމް!

  3. އައްޓަމަސް

    ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާ! ތަޖުރިބާއިން އެފްއޭއެމްގެ ހަރުގަނޑުތައް ފުރިއްޖެ

    8
    1
  4. ކޮރަކަލި

    ގިނައިން ޖެހިވަރެއް ރަގަނޅީ

    8
    1
  5. އޮކޯއި

    ފުޓްބޯޅައަށް ކޮން ގައުމީ ހައިސިއްޔަތެއް އޮތީ.. މުޅިންވެސް ރާއްޖެ ބަދުނާމު!

  6. ާަޕޮގުބާ

    ވަރަށްބޮޑު ކާމިޔާބީއެއް މުޅިގައުމް ތިކަމުގަ ބައިވެރިވާންޖެހޭނެ