އިޓާލިއަން ސެރިއާގައި ވާދަވެރި އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗު އިންޓަ އިން ކާމިޔާބުކޮށްފި އެވެ.

އިޓަލީ ލީގުގައި ރޭ އޭސީ މިލާނުގެ މައްޗަށް އިންޓަ މިލާނުން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިންޓަ ވަނީ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ބާރަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ތާވަލުގެ ދެވަނައިގައި އިންޓަގެ ފަހަތުން އޮތީ ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިގެން ޗެމްޕިއަން ޔުވެންޓަސް އެވެ. މިރޭގެ މެޗުން ބަލިވި އޭސީ މިލާން އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނަ މަގާމުގަ އެވެ.

ރޭގެ މެޗުގައި އިންޓަގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އޭސީ މިލާނުގެ އޭރިއާ ތެރެއަށްވަދެ ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އިންޓައަށް ލީޑު ނަގައިދިން އިރު އެޓީމުގެ ދެވަނަ ލަނޑު ބެލްޖިއަމްގެ ފޯވަޑް ރޮމިލޫ ލުކާކު ކާމިޔާބުކުރީ މެޗު ނިމެން ބާރަ މިނެޓަށްވެފައި ވަނިކޮށް ޒުވާން މިޑްފީލްޑަރު ނިކޮލޯ ބަރޭލާ ނަގައިދިން ހުރަހެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ރޭގެ މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ލުކާކު އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އޭސީ މިލާނުގެ ޒުވާން ކީޕަރު ޑޮނަރުމާ ވަނީ މަތަކޮށްފަ އެވެ. ލުކާކުގެ ހަމަލާއަށްފަހު އެޓީމުގެ ފޯވަޑް ލައުޓަރޯ މާޓިނޭޒް އަށް ވެސް ލަނޑު ޖަހަން ފުރުސަތެއް ލިބިގެންދިޔަ އެވެ. ފަހަކަށް އައިސް ކްލަބް ލެވެލްގައްޔާއި ގައުމީ ޖާޒީގައިވެސް ވިދަމުން އަންނަ އާޖެންޓީނާ ކުޅުންތެރިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މިރޭގެ މެޗުން ލިބުނު މޮޅަކީ އިންޓަ އަށް ލިބިގެންދިޔަ މުހިއްމު މޮޅެކެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގު އާއި ދެކޮޅަށް ކުޅެ އިންޓަ ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ. އަންނަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ވާދަވެރި ޔުވެންޓަސް އާއި ދެކޮޅަށް އިންޓަ އިން ނުކުންނަ އިރު މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް އިންޓަ މޮޅުވެފައި އޮތުމަކީ އެޓީމަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށްވެގެންދާނެ އެވެ.