ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ ބަލިކޮށް ތިން ޕޮއިންޓު ހޯދަން މަސައްކަތް ކުރާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ޔުނައިޓެޑާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް މިވަގުތު ހުރިއިރު މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެޓީމަށް ލީގު ލިބޭނެއެވެ.
ޔުނައިޓެޑް ބަލިކުރުމަށްފަހު ސިޓީ އިން މިރޭ ލީގު ހޯދައިފިނަމަ، އެ ކްލަބު ވެގެންދާނީ ޕްރިމިއަރ ލީގުގެ ތާރީހުގައި ވެސް އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ހޯދާ ކްލަބަށެވެ. މި ރެކޯޑު މިހާރު އޮތީ މެންޗެސްޓަރ ޔުނައިޓެޑްގެ އަތުގައެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑް މިރޭ ނިކުންނާނީ ސީދާ ތިން ޕޮއިންޓު ހޯދުމަށް ކަމަށާއި އެކަން ނުވެއްޖެނަމަ ދެން މަސައްކަތް ކުރާނީ އެއް ޕޮއިންޓު ހޯދަން ކަމަށެވެ.
"މި މެޗަކީ ޔުނައިޓެޑަށް ވެސް މުހިއްމު މެޗެއް. އަހަރުމެންގެ މިހާރުގެ އަމާޒަކީ ލީގުގެ ދެވަނަ މަގާމު ކަށަވަރުކުރުން. ލީގުގެ ހަތަރުވަނަ އަށް ވުރެ އަހަރުމެންނަށް މާ މުހިއްމު ދެވަނަ. އެކަން ހާސިލުކުރެވޭނީ ވެސް ޕޮއިންޓުތަކެއް ލިބިގެން. އެހެންވީމަ މިރޭ އަހަރުމެން މަސައްކަތް ކުރާނަން ތިން ޕޮއިންޓު ހޯދުމަށް. އެކަން ކުރުމަށް އަހަރުމެން ޓީމުގަ އެބަތިބި އެކަށީގެންވާ ވަރަށް އެޓޭކިން ކުޅުންތެރިން ވެސް" މޮރީނިއޯ ބުންޏެވެ.
ލީގު ހޯދުމުގެ ފުރުސަތު ސިޓީ އަށް މިރޭ އޮތްއިރު މޮރީނިއޯ ބުނީ ސިޓީ އަށް ލީގު ހައްގު ކަމަށާއި އެކަން ލީގު ތާވަލަށް ބަލާލުމުން ވެސް ހާމަވާނެ ކަމަށެވެ. ނަމަވެސް މިރޭ ސިޓީ ބަލިކޮށް ލީގު ހޯދުމަށް އިތުރު އިންޒާރެއްގައި އެޓީމު ބައިތިއްބަން ބޭނުންވާ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.
"މިރޭ އަހަރުމެން ބޭނުން ސިޓީ ބަލިކޮށް ލީގު ހޯދުމަށް އިތުރު އިންތިޒާރެއްގަ އެޓީމު ބައިތިއްބަން. އަންނަ ހަފްތާގަ ޓޮޓެންހަމް އިން ވެސް ބޭނުން ވާނީ ހަމަ މިގޮތް. އަހަރުމެންނެކޭ އެއްގޮތަށް ޓޮޓެންހަމް އިން ވެސް ޕޮއިންޓުތަކެއް ހޯދަން ބޭނުންވޭ. އޭރުން އެޓީމަށް ވެސް ލީގުގެ ގަދަ ހަތަރެއްގައި އޮވެ ނިންމާލެވޭނީ" މޮރީނިއޯ ބުންޏެވެ.
ލީގުގައި ސިޓީ އާއި ޔުނައިޓެޑް މިހާތަނަށް ވަނީ އެއް ފަހަރު ބައްދަލުކޮށްފައެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗު 1-2 އިން ކާމިޔާބުކޮށްފައިވަނީ ސިޓީ އިންނެވެ.
ސިޓީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގައެވެ.