އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންގެ މައްޗަށް ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ފަސް ޕޮއިންޓަށް ކައިރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗަށް ސިޓީން ނުކުތްއިރު ލިވަޕޫލުން އޮތީ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ރޭގެ މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރޭނާ ނެގި ހުރަހަކުން ބްރެޒިލްގެ ޒުވާން ފޯވަޑް ގަބްރިއެލް ޖެސޫސް އެވެ. ޖެސޫސް ގެ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގަ އެވެ. ސިޓީން ލީޑު ނެގިނަމަވެސް 33 ވަނަ މިނެޓުގައި ފޯވަޑް ޑޮމިނިކް ކަލްވެޓް-ލެވިންގެ ލަނޑުން އެވަޓަން އެއްވަރުކުރިއިރު، ދެ ވަނަ ހާފްގައި ސިޓީން ދެ ވަނަ ފަހަރަށް ލީޑުނެގީ 71 ވަނަ މިނެޓުގައި އަލްޖީރިއާގެ ފޯވަޑް ރިޔާދު މަހްރޭޒް ޖެހި ހިލޭ ޖެހުމުންނެވެ. މެޗުން ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓާ ރަހީމް ސްޓާލިން ޖެހި ލަނޑުންނެވެ.

ގުޑިސަން ޕާކްގައި ކުޅުނު މެޗުން މުހިއްމު ތިން ޕޮއިންޓް ލިބުމުން ސިޓީ އަށް ހަތް މެޗުން ލިބެނީ ސޯޅަ ޕޮއިންޓެވެ. މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްގެން ލިވަޕޫލް 21 ޕޮއިންޓް ހަމަކޮށްފައިވާއިރު ތާވަލުގެ ތިންވަނަ މަގާމު ލިބެނީ ބާރަ ޕޮއިންޓް ހޯދާފައި އޮތް ވެސްޓްހަމް ޔުނައިޓެޑަށެވެ. ހަތަރުވަނައިގައި އެގާރަ ޕޮއިންޓާއެކު ސްޕާސް އޮތްއިރު ފަސްވަނަ ލިބެނީ ލެސްޓާ ސިޓީ އަށެެވެ.

މެޗަށްފަހު ވާހަކަަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެވަޓަން މެޗާއި ކުރިމަތިލިއިރު ވެސް ސިޓީ އަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވެފައި އޮތް ކަމަށާއި ލީގުގައި ސިޓީ ދެން ޕޮއިންޓް ގެއްލުވާލައިފިނަމަ ތަށި ދިފާއުކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ. ގާޑިއޯލާ ބުނީ ސިޓީ އަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސްގެ މައްސަލަ ކަމަށާއި ޓީމުގެ ފަހަތް ރަނގަޅުވެއްޖެ ނަމަ ނަތީޖާ ނެރުމުގައި މިއަށްވުރެ ފަސޭހަވެގެންދާނެ ކަމަށެެވެ.