ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސައުދީ އަރަބިއްޔާގައި ކޭމްޕް ކުރުމަށް ފުރައިފި އެވެ.

ކޮލިފައިންގައި ރަށުންބޭރުގައި ސީރިއާ އާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ސީރިއާގެ ސަލާމަތީ ފެންވަރު ދަށްކަމުން މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ސައުދީއަށް މިއަދު ހެނދުނު ފުރާފައިވާއިރު ސީރިއާއާ ދެކޮޅަށް ނުކުންނަ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ_(އަކޫ) އާއި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވެސް ނުކުޅޭނެއެވެ.

މީގެ އިތުރުން އެންމެ ފުރަތަމަ މެޗުގައި. ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ޓީމާއެކު ދަތުރު ނުކުރުމުގެ ސަބަބުން ގައުމީ ޓީމުން ބާކީކޮށް ޖޫރިމަނާވެސް ކޮށްފައިވާ ކްލަބު އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ގައުމީ ޓީމް ސައުދީ އަށް ފުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ގައުމީ ޓީމް ސައުދީ އަށް ފުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ދޮޅު އަހަރަށްފަހު ގައުމީ ޓީމުން ފުރުސަތު ދީފައިވާ ތަޖުރިބާކާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް ހިމަނަައިގެން ގައުމީ ޓީމު ސައުދީ އަށް ފުރިއިރު، ތަޖިކިސްތާނުގައި މިހާރު ކުރިއަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނަށްފަހު 19 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ސީނިއާ ޓީމާއި ގުޅޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ ސީރިއާ މެޗުން ބޭނުންވަނީ ބަލިނުވެ ފަރުޖައްސާލަން ކަމަށާއި ފަރިތަކުރުންތައް ގެންދިއުމަށް މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް، ސީރިއާ މެޗާއި ކުރިމަތިލާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. ސެގާޓް ބުނީ މެޗަށް ތައްޔާރުވާން ޕްރެކްޓިސް މެޗެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މެޗުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފާނެ ކަމަށެވެ. މީގެ ކުރިން ކޮލިފައިންގައި ގުއާމް އަދި ޗައިނާއާ ދެކޮޅަށްވެސް ރާއްޖެ ނުކުމެފައިވަނީ އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު، މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕް ތާވަލުގެ އެއްވަނައިގައި އޮތް ޗައިނާ އާއި، ދެވަނައިގައި އޮތް ސީރިއާ، އަދި ތިންވަނައިގައި އޮތް ފިލިޕީންސް އާއި ހަަތަރު ވަނައިގައި އޮތް ރާއްޖެއަށްވެސް އަދި ލިބިފައިވަނީ 3 ޕޮއިންޓެވެ.