ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ފުރުސަތެއް ލިބިއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ ބައެއް ވެރިންނާއި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯ ވެސް ބައިވެރިވިއެވެ.

މިޝެލް ސަލްގާޑޯ އިންތިޒާމުކޮށްގެން ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ހެދުމުގެ ފުރުސަތު އެއްކުއްޖަކަށް އަދި ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދެ ކުއްޖަކަށް ވަނީ ލިބިފައެވެ.

ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނު ދެ ކުޅުންތެރިންނަކީ މުހައްމަދު އައިހަމް އިބްރާހީމާއި ހުސައިން އާއިޝް އަބްދުލް ވާހިދެވެ. އަދި ސަލްގާޑޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނު ކުޅުންތެރިޔަކީ 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީއެވެ. މި ފުރުސަތުގެ ދަށުން އީތަންއަށް މިޝެލް ސަލްގާޑޯ ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި އެއްމަސް ދުވަހު ތަމްރީތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެ ފުރުސަތުތަކުގެ އިތުރުން އެ ތިން ކުޅުންތެރިން ޑްރީމް ޓީމުގައި ވެސް ހިމެނޭތީ އެޓީމާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މުބާރާތުގައި އެޓީމު ވާދަކުރާނީ ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައެވެ.

މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ޖުމްލަ 17 ސްކޫލަކާއެކު ކުރިޔަށް ގެންދިޔަ މި ފިއެސްޓާގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ގާޒީ ސްކޫލުން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޝައިން އިބްރާހިމް ރަމީޒްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްޓާފުން

    ކަލާފާނު ސްކޫލް ކުއްޖަކު ހޮވިފަ ހުރީ އެހެންވީމަ ސާކިރު ސޯރ އައް ފުރުސަތު ދޭންޖެހޭނެ ، އެހެންނޫނީ ކަމަކު ނުދާނެ

  2. ބެލެނިވެރިން

    ޓުއަރ ރިޒަމް އާނުވެސް ގުޅޭކަމެއް ، ދުވަހާ ގުޅޭގޮތުން ބޭއްވި ހަރަކާތަކީ