ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ސަލްޒްބާގް އާއި ވާދަކޮށް ލިވަޕޫލުން ވަނީ 4-3 އިން މެޗު ކާމިޔާބުކޮށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެޓީމުގެ ފުރަތަަ މޮޅު ހޯދާފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ރަށުންބޭރުގައި 2-0 އިން ނަޕޯލީ އަތުން ބަލިވެފައި ވުމުން ރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް އޮތީ ފޯމަކަށް އެޅެން މޮޅުވުން މަޖުބޫރުވެފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނީ ރޭގެ މެޗަކީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށާއި ފުޓްބޯޅަ މެޗަކުން ރަނގަޅު ނަތީޖާއެއް ބޭނުންނަމަ ނުވަދިހަ މިނެޓު ވަންދެން ހިތްވަރާއެކު މަސަތްކަތްކުރަން ޖެހޭ ކަމަށެވެ. ކްލޮޕް މިހެން ބުނީ ލިވަޕޫލް ތިން ލަނޑުގެ ލީޑެއްގައި އޮއްވައި ސާލްސްބާގް މެޗުގެ ނަތީޖާ ދެވަނަ ހާފުގެ ކޮންމެވެސް ހިސާބެއްގައި އެއްވަރުކުރުމުން އެކަމަށް އިޝާރާތް ކޮށެވެ.

"އަހަރުމެން މި މެޗުގެ ފުރަތަމަ 30 މިނިޓްގައި ކުޅުނީ މިހާތަނަށް މި ޓީމު ކުޅުނު އެންމެ މޮޅު ފުޓްބޯޅަ. ވަރަށް ރަނގަޅަށް މުޅި ޓީމު ކުޅުނު. އެއްވެސް ކުޅުންތެރިއަކު ނެތް އެމީހެއްގެ ޒިންމާ ހަނދާން ނައްތާލާފައެއް. އެކަމަކު ފުރަތަމަ ހާފު ނިމެން އުޅުނުތަނާހެން ފަރުވާ ކުޑަވާން ފެށީ. ދެން ހާއްސަކޮށް އިދިކޮޅު ޓީމުން ފޯމޭޝަން ޗޭންޖްކޮށް ވަރުގަދަ ރިސްކެއްނެގީ. އަހަރެމެންނަށް އެއަށް ރެސްޕޯންޑެއް ނުކުރެވުނު އެހާ ރަނގަޅަށް. އަހަރުމެން ތިބީ ނިދާފައި. މިއީ ހަގީގަތުގައި އަހަރުމެންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ބަލިވެފައިވުމުން މި މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ.

"މި މުބާރާތުގެ ފޯމެޓް އޮތްގޮތުން ކޮންމެ ލަނޑަކީ ވެސް ވަރަށް މުހިންމު އެއްޗެއް. އެކަމަކު ފުރަތަމަ ކަމަކީ ކޮންމެ މެޗަކުންވެސް ލިބެންއޮތް އެންމެ ގިނަ އަދަދަކަށް ޕޮއިންޓް ހޯދުން. ރޭގެ މެޗު ކިތަންމެ އުނދަގޫވި ނަމަވެސް ތިން ޕޮއިންޓް ލިބުމުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކު ކުޅުންތެރިންނަށް މި މެޗުގެ ހަނދާންތައް އާކުރެވޭނެ ގޮތެއް ރާވައި ކުރިއަށްހުރި މެޗުތަކާމެދު ސަމާލުވާން އެނގެންޖެހޭ. ޗެމްޕިއަންސް ލީގަކީ ބޮޑު މުބާރާތެއް. ފެންވަރު ރަނގަޅު ޓީމުތައް ވާދަކުރާ މުބާރާތެއް. އެހެން ކަމުން ފަރުވާ ކުޑަކޮށްލެވޭކަށް ނެތް." ކްލޮޕް ބުންޏެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ލަނޑުގެ ތަފާތުން މިވަގުތު ލިވަޕޫލަށް ލިބެނީ ތިން ވަނަ އެވެ. އެއީ ޕޮއިންޓްގެ ގޮތުން ސަލްސްބާގާ އެއްވަރުވުމުންނެވެ. މި ދެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގްރޫޕް އީގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. ނަޕޯލީ ރޭ ގެންކާ އާއި ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.