އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އެންމެ ފަހުން ބްރައިޓަން އަތުން 3-0 ބަލިވި މެޗުގައި އުޅަބޮއްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް އަށް މި ސީޒަން ނިމިއްޖެ އެވެ.

ބްރައިޓަން އާއި ސްޕާސް ވާދަކުރި މެޗުގެ ވަރަށް ކުރީކޮޅު މިޑްފީލްޑަރު ޕާސްކަލް ގްރޮސް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ހުއްޓުވަން އުޅުމުގެ ތެރޭގައި ލޮރިސްގެ އުޅަބޮއްޓަށް އަނިޔާވެ އޭނާ އަށް ދަނޑުމަތީގައި އޮކްސިޖަންދީ ފަރުވާދިނުމަށްފަހު ވަނީ ދަނޑުން ބާލާފަ އެވެ.

މެޗައްފަހު ކުރިއަށްގެންދިޔަ މެޑިކަލް ޓެސްޓްތަކުން ދައްކާ ގޮތުގައި އެ ޓީމުގެ ކެޕްޓަންގެ އުޅަބޮށީ ކައިރިން ލިގަމެންޓަށް އަނިޔާވެފައިވާއިރު، އެކަމުގެ ފަރުވާ އަށް މަދުވެގެން ދެ މަސް ނަގާނެ އެވެ. އޮޕަރޭޝަނެއް ކުރަން ނުޖެހުނު ނަމަވެސް ލޮރިސް އަށް އެއްކޮށް ފިޓްވެ ކުޅުމަށް އެނބުރި އާދެވޭނީ އަންނަ އަހަރު އެވެ.

ލޯރިސްގެ އަނިޔާ އާއި ގުޅޭގޮތުން ސްޕާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާއިން ރަނގަޅުވުމާއި އަރާމްކުރުމަށް އަދި ފިޓްކޮށް އެނބުރި އައުމަށް އޭނާ އަށް ފުދޭވަރަކަށް ވަގުތު ބޭނުންވާ ކަމަށާއި އެހެންކަމުން މި އަހަރު ލޯރިސް ދެން ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.

އުމުރުން 32 އަހަރުގެ ލޮރިސް އަކީ 2012 ވަނަ އަހަރު 15 މިލިއަން ޔޫރޯ އަށް ޓޮޓެންހަމަށް ބަދަލުވި ފަހުން އެ ޓީމުގެ އެއް ވަނަ ކީޕަރެވެ. ލޮރިސް ވަނީ އެޓީމަށް މިހާތަނަށް 240 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އޭނާ ނެތުމުން ޓޮޓެންހަމްގެ ގޯލު ބަލަހައްޓާނީ އާޖެންޓީނާގެ ކީޕަރު ޕައޮލޯ ގަޒަނީގާ އެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޓޮޓެންހަމް މި ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ. ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 7-2 އިން ބަލިވުމަށްފަހު އެންމެ ފަހުން ލީގުގައި ބްރައިޓަން އަތުން ބަލިވެ އެޓީމު ވަނީ ލީގު ތާވަލުގެ ނުވަ ވަނަ މަގާމަށް ވެއްޓިފަ އެވެ. ސްޕާސް އަށް އެގާރަ ޕޮއިންޓް ލިބިފައިވާއިރު ލީގުގެ އެންމެ ކުރީގައި އަދިވެސް އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ލިވަޕޫލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޒިލް

    ސީޒަން އެއް ނުނިމޭ، މި އަހަރު ނުފެންނާނެ ކަމަށް ރިޕޯރޓް ބުނަނީ.. ސީޒަން ނުނިމޭނެ މި އަހަރަކު.!