ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ލ.ގަމުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފި އެވެ. ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ހިމެނޭ ގަމުން ޒޯން ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ގއ. ކޮނޑޭ ކޮޅަށް 10 ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްގެންނެވެ.

ކޮނޑޭއާއި ގަމާއެކު ދެން މި ޒޯންގައި ވާދަކޮށްފައިވަނީ ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ފުޓްސަލް ޓީމާއި ގއ. އަތޮޅުގެ އެއްވަނަ ހޯދި ދާންދޫ ފުޓްސަލް ޓީމެވެ. ރޭ މި ގްރޫޕްގެ ފައިނަލް މެޗުތަައް ކުޅުނުއިރު ގަމު ފުޓްސަލް ޓީމުން ވަނީ 10-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮނޑޭ ބަލިކޮށްފަ އެވެ. ދާންދޫ އާއި މަޑަވެލި ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖް ލ.ގަން އަދި ކޮނޑޭ ބައްދަލު ކުރި މެޗް

ގަން އެއްވަނައިގައި އޮވެ ޒޯން ޗެމްޕިއަންކަން ހޯދީ މި ބުރުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި މަޑަވެލި ނިންމާލީ ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނަ ހޯދި ދާންދޫ ފުޓްސަލް ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. މަޑަވެއްޔަށް ކުރި ލިބުނީ ފައިދާ ލަނޑުންނެވެ. މި ގްރޫޕްގެ ފުލަށް ދިޔައީ ކުޅުނު ތިން މެޗުން ވެސް ބަލިވި ކޮނޑޭ ޓީމެވެ. މި ނަތީޖާއާއެކު ޒޯން ހައަކުން ފައިނަލް ބުރުގައި ވާދަކުރާނީ ގަމާއި ދެވަނަ ޓީމުގެ ގޮތުގައި މަޑަވެއްޔެވެ.

މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް ގަން ދެވަނަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދިއިރު މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ގަމު ޓީމުގެ މުހައްމަދު މުސްލިހު އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖް ލ.ގަން އަދި ކޮނޑޭ ބައްދަލު ކުރި މެޗް

މި މުބާރާތުގެ ޒޯން އަށެއްގެ ކުޅުން ވެސް ރޭ ނިމިފައިވާއިރު މި ޒޯނުގެ ޗެމްޕިއަންކަން ހޯދީ މާފަންނު އެވެ. މި އަހަރު މާލެ ހިމެނޭ ޒޯނުން ހަތަރު ޓީމަކުން ބައިވެރިވެފައިވާތީ އެ ޓީމުތަކުން މެޗުތައް ފަށާފައިވަނީވެސް ޒޯން ބުރާ ހަމައިންނެވެ. ޒޯން އަށެއްގެ ފަހު މެޗުތަކުގައި ރޭ މާފަންނު އާއި ހެންވޭރު ބައްދަލުކުރި މެޗު 3-3 އިން ދެޓީމު އެއްވަރުވެގެން ނިމުނު އިރު މި ގްރޫޕްގައި ދެން ހިމެނޭ ވިލިމާލެ އާއި ހުޅުމާލެ ވާދަކުރި މެޗު ނިމުނީ 4-2 އިން ވިލިމާލެ މެޗު ކާމިޔާބުކޮށްގެންނެވެ.

ރޭގެ ނަތީޖާތަކާއެކު މާފަންނަށް ޒޯން ޗެމްޕިއަންކަން ލިބުނީ އެޓީމު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނިންމާލި ހެންވޭރު ޓީމަށްވެސް ފަސް ޕޮއިންޓް ލިބުނުއިރު މާފަންނަށް ކުރި ލިބުނީ ޖަހާފައިހުރި ލަނޑު ގިނަވުމުގެ ސަބަބުންނެވެ. މި ގްރޫޕްގެ ތިންވަނަ ހަތަރު ޕޮއިންޓާއެކު ވިލިމާލެ އަށް ލިބުނުއިރު ފުލަށް ދިޔައީ އެއް ޕޮއިންޓާއެކު ހުޅުމާލެ އެވެ. ޒޯން ޗެމްޕިއަނުންގެ ގޮތުގައި ހުޅުމާލެ އާއި ދެވަނަ ޓީމުގެ ގޮތުގައި ހެންވޭރަށް ވެސް މުބާރާތުގެ ގަދަ ސޯޅައިން ވަނީ ފުރުސަތު ލިބިފަ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖް ލ.ގަން އަދި ކޮނޑޭ ބައްދަލު ކުރި މެޗް

ޒޯން އަށެއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ވިލިމާލެ ޓީމުގެ އަލީ ޝިޔާހު ހޯދިއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލެ ޓީމުގެ އަބްދުﷲ ޝާފިއު އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވާދަކުރިއިރު ފައިނަލް ބުރަށް ހޮވޭނީ އަށް ޒޯނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 16 ޓީމެވެ. އެކަމަކު އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ޒޯންގައި ފުވައްމުލަކުން ޓީމެއް ބައިވެރިވެފައިނުވާތީ މަރަދޫ އަށް މިހާރު ވެސް ވަނީ ފައިނަލް ބުރުން ޖާގަ ލިބިފަ އެވެ.

މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ގަދަ ސޯޅައިގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އަދި 13 ވަނަ ދުވަހުގެ ރޭ އެވެ. ކުއާޓާ ފައިނަލް މެޗުތައް މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުޅޭއިރު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހުގެ ރޭ އެވެ. ފައިނަލް މެޗު އޮންނާނީ 19 ވަނަ ދުވަހުގެ ރޭ އެވެ.

ކިޔުންތެރިންގެ ހިޔާލު