ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލްގެ މައްޗަށް 0-4 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބަނާޑޯ ސިލްވާ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖިއޯ އަގުއެރޯ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ގުންޑޮގާން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީ އަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ބޮޑު މޮޅެއް ސިޓީން ރޭ ހޯދިއިރު އެޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނީ މިއީ ވަރަށް ރަނގަޅު ނަތީޖާ އެއް ކަމަށާއި ސިޓީ މިހާރު އޮތީ ގާތްގަނޑަކަށް ކުއާޓާފައިނަލަށް ދަތުރުކޮށްފައި ކަމަށެވެ. ފުރަތަމަ ލެގުން ރަނގަޅު ނަތީޖާ އެއް ލިބުނު ނަމަވެސް ދެވަނަ ލެގުގެ މެޗު ފަސޭހަކޮށްލައިގެން ނުވާނެ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

ބާސެލް އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލާއި ގާތަށް ސިޓީން ޖެހިލިއިރު މި ސީޒަނުގައި އެޓީމަށް ހަތަރު ތަށްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޗެމްޕިއަންސް ލީގުގެ އިތުރުން ޕްރިމިއަރ ލީގާއި އިނގިރޭސި އެފްއޭކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕެވެ.

އެގޮތުން ޕްރިމިއަރ ލީގުގެ އެއްވަނައިގައި ސިޓީ މިވަގުތު 16 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު އެފްއޭކަޕްގެ ކުއާޓާފައިނަލަށް ދިޔުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ސިޓީ އަށް އެބައޮތެވެ. އަދި އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ސިޓީ ދަތުރުކޮށްފައިވާއިރު، މި މަހުގެ 25 ވަނަ ދުވަހު އެ މުބާރާތުގެ ފައިނަލްގައި ސިޓީ އާއި ދެކޮޅަށް ނިކުންނާނީ އާސެނަލްއެވެ.