ކޮލިފައިންގައި ރޭ ގްރީސް އަތުން މޮޅުވެ އިޓަލީން އަންނަ އަހަރުގެ ޔޫރަޕިއަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ޖާގަހޯދައިފި އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މެޗު އެގައުުން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު އިޓަލީއަށް 21 ޕޮއިންޓާއެކު ގްރޫޕް ޖޭގެ އެއް ވަނަ ލިބޭއިރު މި ގްރޫޕްގެ ދެވަނައިގައި އޮތީ ބާރަ ޕޮއިންޓާއެކު ފިންލޭންޑެވެ. ތިންވަނައިގައި އޮތް އަރްމޭނިއާ އާއި ހަތަރުވަނައިގައި އޮތް ބޮސްނިއާ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގައި މިވަގުތު އޮތީ ފަސް ޕޮއިންޓް ލިބިގެން ގްރީސް އެވެ. ފުލުގައި އޮތީ ޕޮއިންޓަކާއެކު ލިއެޗްޓެންސެއިން އެވެ. އިޓަލީގެ އިތުރުން އަންނަ އަހަރުގެ ޔޫރޯ އަށް މިހާތަނަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމަކީ ބެލްޖިއަމް އެވެ.

ރޯމްގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ދެ ވަނަ ހާފު އެވެ. އެގޮތުން ފުރަތަމަ ލަނޑު 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އިނގިރޭސިވިލާތުގެ ޗެލްސީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. އިޓަލީ އަށް ޕެނަލްޓީ ލިބުނީ ގްރީސްގެ އަންދްރެއަސް ބޯޗަލަކީސް އަތުގައި ބޯޅަ ޖެހުމުންނެވެ. އިޓަލީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ޖެހީ ޔުވެންޓަސްގެ މިޑްފީލްޑަރު ފެޑެރީކޯ ބާނަޑޭޝީ އެވެ.

އިޓަލީން ނުވަ ވަނަ ފަހަރަށް ވިލާތުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދިއިރު ރޭގެ މެޗުން މޮޅުވެގެން މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ސްޕެއިން ވަނީ ރަށުން ބޭރުގައި 1-1 އިން ނޯވޭއާ އެއްވަރުވެފަ އެވެ. މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިއާ ސައުލް ނިގޭޒްގެ ލަނޑުން ސްޕެއިން ލީޑުނެގިއިރު، ނޯވޭ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އިނގިރޭސިލވިލާތުގެ ބޯންމައުތް އަށް ކުޅެމުން އަންނަ ޖޯޝުއާ ކިންގް ޖެހި ޕެނަލްޓީންނެވެ. މިއީ ސްޕެއިންގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އޭރިއާތެރެއިން ނޯވޭގެ އޮމާރް އެލް އަބްދެލޫއީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ރޭގެ މެޗުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް އަތުގައި އޮތް ރެކޯޑް ރާމޯސް މުގުރާލީ 168 މެޗު ކުޅެގެންނެވެ.