ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗުގެ ނަތީޖާ އާއެކު އެތްލެޓިކޯ ލީގުގެ ދެވަނައިގައި މިހާރު އޮތީ 68 ޕޮއިންޓާ އެކުއެވެ. ލީގުގެ ތިންވަނައިގައި 65 ޕޮއިންޓާ އެކު ވެލެންސިޔާ އޮތްއިރު 64 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ލީގުގެ އެއްވަނައިގައި 79 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ. އެގޮތުން ރޮނާލްޑޯ އާއި ވަރާން އަދި ކަވަހާލް ފޮނުވާލި ހަމަލާތައް އެތްލެޓިކޯގެ ކީޕަރު އޮބްލަކް ދިފާއުކުރިއިރު މާސެލޯ ފޮނުވާލި ހަމަލާއެއް އެތްލެޓިކޯގެ ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މި ހާފުގައި ގޯލްޖަހަން އެތްލެޓިކޯ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ކޮސްޓާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. ބޭލް ނަގައިދިން ހުރަހަކުން މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި ސީޒަނުގައި ކާމިޔާބުކުރި 40 ވަނަ ގޯލެވެ.

ނަމަވެސް ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ގްރިޒްމަން ވަނީ އެތްލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އެތްލެޓިކޯ މިޑްފީލްޑަރު ގަބީ އަށް ވަނީ އެޓީމަށް ލީޑު ނަގައިދޭން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގަބީ ފޮނުވާލި އެ ހަމަލާ ރެއާލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ދެވަނަ ހާފުގައި ރެއާލް އިން ވެސް ތަނަވަސްކުރިއެވެ. އެގޮތުން ރާމޯސް އާއި ބޭލް ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗު އެއްވަރުވިއިރު މި ސީޒަނުގެ ސްޕެނިޝް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން އެތްލެޓިކޯގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.