ދެހާސް ނުވަ ވަނަ އަހަރު އެމެރިކާގެ ލަސް ވޭގަސްގައި ރޮނާލްޑޯ އަންހެނަކު ރޭޕް ކުރި ކަމުގެ އަޑުތައް މީގެ ކުރިން އަރާފައި ވާއިރު، އެ ހާދިސާ އިން ނެގުނު ހެކިތަކާއި ރޮނާލްޑޯގެ ޑީއެންއޭ ދިމާވެއްޖެ އެވެ.

އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި ރޮނާލްޑޯ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ މީހަކު 2009 ވަނަ އަހަރު ރޭޕް ކުރި އަޑު އެންމެ ފުރަތަމަ އާއްމު ވެފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މެގަޒިން އަކަށް މައުލޫމާތު ކެތްރީން ބުނީ އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދެއްކުމަށް ރޮނާލްޑޯ އޭނާ އަށް 375،000 އެމެރިކާ ޑޮލަރު 2010 ވަނަ އަހަރު ދީފައިވާ ކަމަށެވެ.

ކެތްރީން ކިޔައިދިން ގޮތުން ރޭޕްގެ ހާދިޘާ ހިނގިތާ ޖެހިގެން އައި ދުވަހު އޭނާ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި ހޮސްޕިޓަލުގައި ޓެސްޓު ތަކެއްވެސް ހެދިއެވެ. ނަމަވެސް، ކެތްރީން ރޭޕް ކުރީ ކާކުތޯ 2009 ވަނަ އަހަރު ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ އެކަން ކުރި މީހާގެ ނަން ބުނަން ދެކޮޅު ހަދައިފައެވެ. އެހެން ކަމުން އެ މައްސަލައިގެ ތަހުގީގު އެހިސާބުން މެދުކެނޑުނެވެ.

ރޭޕް ހާދިސާއިން ނެގި ހެކިތަކުން ރޮނާލްޑޯގެ ޑީއެންއޭ ދިމާވެފައިވާކަމަށް މަޝްހޫރު ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާއިރު އެ ނޫހުގައިވާ ގޮތުން މިކަން ކަށަވަރުވީ ލަސް ވޭގަސްގެ ފުލުހުންގެ ފަރާތުން ލީކުވި އީމެއިލް ތަކަކުންނެވެ.

މި ރޭޕް ކޭސް އެމެރިކާގެ ކޯޓެއްގައި މިދިޔަ އަހަރު އަލުން ފެށުމާއި ގުޅިގެން ރޮނާލްޑޯ އެއިރު ބުނީ ކެތްރީން އެ މެގަޒިންގައި އާއްމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިއީ އޭނާގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން ބައެއް ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ އަކީ މިހާރު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަމަށާއި މީސްމީހުން އޭނާގެ އަގު ވައްޓާލަން ފަތުރާ ދޮގު ހަބަރުތަކުން އޭނާ އަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

މަޔޯގާ ހުށަހެޅި މައްސަލަ ލަސް ވޭގަސްގެ ފުލުހުން އަލުން ބަލަން ފެށުމުން ރޮނާލްޑޯގެ އެންމެ ބޮޑު ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ "ނައިކީ" އާއި "އީއޭ" އިން ވަނީ މީގެ ކުރިން ކަންބޮޑުން ފާޅުކޮށްފައެވެ.

އެގޮތުން "ނައިކީ" އިން މިދިޔަ އަހަރު ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތާ މެދު ކަންބޮޑުވާ ކަމަށާއި މި މައްސަލަ ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. ނައިކީ އަކީ 2003 ވަނަ އަހަރުން ފެށިގެން ރޮނާލްޑޯ އާއެކު މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.