ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން 5-1 އިން މޮޅުވެ ޗެމްޕިއަން ބާސެލޯނާ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައި އޮތް އެލް ކްލަސިކޯ މެޗު ފަސްކުރުމުން ބާސެލޯނާ އަށް އެއް ވަނަ ގެއްލުނީ ގްރަނާޑާ ކުޅުނު މެޗުން 1-0 އިން މޮޅުވުމުންނެވެ. ރޭގެ މެޗުން މޮޅުވެ ބާސެލޯނާ އަލުން އެއް ވަނަ އަށް އެރީ މިހާތަނަށް އެޓީމު ކުޅުނު 10 މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި ގްރަނާޑާ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. ރޭ އަލަވޭސްއާ ދެކޮޅަށް ރަށުންބޭރުގައި ކުޅެ 1-1 އިން އެއްވަރުވި އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބާސާ އިން ވަނީ ލީޑު ނަގާފަ އެވެ. ޑިފެންޑަރު ކްލެމެން ލޯންގްލޭ ޖެހި ލަނޑުން ބާސާ ކުރިހޯދާފަައިވަނިކޮށް ވަލޮޑޮލިޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކީކޯ އެވެ. ބާސެލޯނާ އަށް އަލުން ލީޑުނަގައިދިނީ މެސީ ދިން ބޯޅަ އަކުން 29 ވަނަ މިނެޓުގައި މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ. މިއީ މެސީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 50 ވަނަ ހިލޭ ޖެހުންކަން ފާހަގަކޮށްލެވެ އެވެ. ބާސެލޯނާގެ ހަތަރު ވަނަ ލަނޑު އިވާން ރަކިޓިޗް ދިން ބޯޅައަކުން މެސީ ޖެހިއިރު، ބާސާގެ ފަހު ލަނޑު މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަައި ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ މެސީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"މެސީއާ ބެހޭގޮތުން އަހަރެން ދައްކަން ހުރި ވާހަކަތައް މިހާރު ހުސްވެއްޖެ. އަހަންނަށް އަބަދުވެސް އިނގޭ ޓީމަށް އެންމެ ބޭނުންޖެހޭ ވަގުތު މެސީ ފެންނާނެކަން. މެޗު ބެލީމަ އެބަފެނޭ މެސީ އަދިވެސް ހުރި ލެވެލް. މެސީ އަދިވެސް އެއްކޮށް ފިޓެއް ނޫން. އެކަމަކު އެންމެ ފިޓް ނޫން އިރުގައިވެސް އޭނަގެ ތަފާތުކަން އެބަ ފެނޭ،" ވަލްވޭޑޭ ބުންޏެވެ.