ސްޕެނިޝް ލީގުގައި ލެވަންޓޭ އަތުން ބަލިވެ ލީގް ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގައިލައިފި އެވެ.

ލަލީގާގައި މިރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވީ 3-1 އިންނެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ވަނީ ލިބުނު ޕެނަލްޓީއެއްގައި ބާސާ އަށް ލީޑު ހޯދައިދީފައެވެ. ބާސާ އަށް ރެފްރީ ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން އެޓީމުގެ ޕޯޗުގީޒް ޑިފެންޑަރު ނެލްސަން ސެމެޑޯ އަށް ލެވަންޓޭގެ ޖޯޖް މިރަމޮން ފައުލް ކުރުމުންނެވެ. މެސީގެ ލަނޑަށްވުރެ ކުރިން އޭނާ ތަނަވަސަކޮށްދިން ފުރުސަތެއްގައި ފޯވަޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ލެވަންޓޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފަައިވަނިކޮށް ބާސާގެ ލީޑު ފުޅާކުރަން މެސީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ލެވަންޓޭގެ ޑިފެންޑަރުންނެވެ.

މެޗުގައި ލެވަންޓޭ އިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ބާސާގެ ފަހަތުން ޖެރާޑް ޕީކޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހޯސޭ ކަމްޕާނާ ޖެހިއިރު އޭގެ ދެ މިނެޓް ފަހުން އޭނާ ޖައްސާލި ބޯޅައެއްގައި ބޯޔާ މަޔޮރާލް ވަނީ ވިހި ޔާޑު ދުރުން ޓާސްޓެޖަންގެ ގޯލު ފޫއަޅުވާލައި ލީޑު ފުޅާކޮށްފައެވެ. ލެވަންޓޭގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެމަންޖާ ރަދޯޖާއެވެ.

ލެވަންޓޭއިން ދިހަ މިނެޓުތެރޭ ބާސާގެ ޑިފެންސް ފޫއަޅުވާލިއިރު މެޗުގެ ތެރެއަށް އެނބުރި ވަނުމަށްޓަކައި މެސީ އިދިކޮޅު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ގޮތުގައެވެ. މެޗުގެ ފަހުކޮޅު ބާސާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ އެޓީމުގެ އެޓޭކް ރަނގަޅު ކުރުމަށްޓަކައި ޒުވާން އަންސޫ ފާޓީ ކުޅެން އެރުވިނަމަވެސް މާއެދެވޭ ހަމަލާއެއް ލެވަންޓޭގެ ގޯލާއި އަމާޒުކޮށް ބާސާގެ ކުޅުންތެރިންނަށް ފޮނުވާލެވިފައިނުވެ އެވެ.

މިރޭގެ ބައްޔާއެކު ލީގް ތާވަލުގެ އެންމެ ކުރީގައި މިވަގުތަށް އޮތް ބާސާ އަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލުނުއިރު ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ސެވިއްޔާ އަށް ވެސް އެބައޮތެވެ.