ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރަމުން އަންނަ ތަމްރީންތަކުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ތައިލެންޑްގައި ކޭމްޕް ކުރަމުން އަންނަ ރާއްޖެ ޓީމުން ކުޅުނު ފުރަތަމަ ޓްރެއިނިން މެޗުގައި ބައްދަލުކުރީ ތައިލެންޑްގެ ރަންގްސިޓް ޔުނަވާސިޓީގެ ބާސްކެޓްބޯޅަ ޓީމާއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 44 ޕޮއިންޓް 31 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި ކުއާޓަރު ނިންމާލީ 11 ޕޮއިންޓް 5 ޕޮއިންޓުން ކުރީގައި އޮވެއެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ރާއްޖެއިން ކުރިއަށްވުރެ ބޮޑަށް ހަމަޖެހިލައިގެން ކުޅުނުއިރު ވަނީ ރާއްޖެ އިން ދެވަނަ ކުއާޓަރު ނިންމާލީ ހަތް ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. މެޗުގެ ތިންވަނަ ކުއާޓާގައިވެސް ރާއްޖެއިން ލީޑު ގެއްލުނަ ނުދީ ހަމަޖެހިލައިގެން ކުޅުނުއިރު ދިޔައީ ރަންގްސިޓް ޔުނަވާސިޓީގެ ޓީމަށް ރާއްޖެއިން ނަގާފައިވާ 7 ޕޮއިންޓްގެ ލީޑު ހަނިކުރެވޭގޮތެއް ނުވިއެވެ. މެޗުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ރާއްޖެ އޮތީ 32 ޕޮއިންޓް 24 ޕޮއިންޓުން ކުރީގައެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ގައުމީ އަންހެން ބާސްކެޓް ޓީމުން މި މެޗަށް ނިކުތްއިރު މެޗުގެ ފަހު ކުއާޓާގައި ވެސް ރާއްޖެ އިން ވަނީ މޮޅަށް ކުޅެފަައެވެ. ފަހު ކުއާޓަރާއި ހަމައަށް ދިޔައިރު އިނދިކޮޅު ޓީމަށް ރާއްޖެ އަތުނުވާ ވަރަށް ލީޑު އޮތީ ބޮޑުވެފަ އެވެ. ރާއްޖެ އިން މެޗު ނިންމާލީ 13 ޕޮއިންޓްގެ ލީޑްގައި އޮވެ 31 ޕޮއިންޓް 44 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި މެޗަށް ކުޅުންތެރިން ނިކުތީ އިތުބާރާއެކުކަމަށެވެ. ސުޕުން ބުނީ ގިނަ ފަހަރު ގައުމުން ބޭރުގައި މިހެން މެޗު ކުޅޭއިރު ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ފެނުނުނަމަވެސް، މި މެޗުގައި އެކަހަލަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށެވެ.

މިމަހުގެ 1 އިން 10 އަށް ތައިލެންޑްގައި އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕް ކުރާނެ އެވެ. މި ޓްރެއިނިން ކޭމްޕްގައި އިތުރު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ތައިލެންޑްގެ ސްރިޕަތުން ޔުނިވާސިޓީއާއި ދެކޮޅަށް ދިވެހި ޓީމު ނުކުންނާނެ އެވެ. އަދި ފަހު މެޗުގައި މާދަމާ ނުކުންނާނީ ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށެވެ.