ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސާއި ގުއާމާއި ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާގައި ކޭމްޕް ކުރަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ޕްރެކްޓިސް މެޗުން ބަލިވެއްޖެއެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ ޖާގައަކަށް އަމާޒު ހިފާފައިވާ ގައުމީ ފުޓްބޯޅަ ޓީމް ކުޅުނު ޕްރެކްޓިސް މެޗުގައި ބަލިވީ މެލޭޝިޔާގެ ގައުމީ ޓީމާއި ވާދަކޮށް 2-1ގެ ނަތީޖާއަކުންނެވެ. 30 މިނެޓުގެ ތިން ހާފު ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެލޭޝިއާ އިންނެވެ. މެލޭޝިއާ އިން ލީޑު ނެގި ނަމަވެސް މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ ދިވެހި ޓީމުންނެވެ. އެގޮތުން ރާއްޖެ ޓީމުން އުފެއްދި ހަމަލާތަކެއްގައި ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ބޯޅައެއް އިދިކޮޅު ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރަން ފޭދޫ އިއްބެ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ މެލޭޝިއާގެ ކީޕަރުވަނީ މަތަ ކޮށްފައެވެ. ރާއްޖެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ލަނޑު ޖެހުމުގައި ކުޅަދާނަ ފޯވަޑް އަޙުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ރާއްޖެ އަށް އެއްވަރުކުރި އިރު ލީޑު ހޯދަން ޒުވާން ކުޅުންތެރިއާ ނާއިޒް ހަސަންގެ އިތުރުން ތަޖުރިބާކާރު ފޯވަޑް އަސަދުﷲ އަބްދުﷲ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިވަނީ ބޭކާރު ވެފައެވެ.

މިމެޗުގައި ކޯޗުވަނީ ދިވެހިރާއްޖޭގެ ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތުދީފައެވެ.

މެލޭޝިއާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. މި ޕެނަލްޓީއަކީ ރާއްޖޭގެ ޑިފެންޑަރ މުޙައްމަދު ސަމްދޫހު އިދިކޮޅު ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެލޭޝިޔާގެ ދެވަނަ ފަހަރަށް ލީޑު ނެގުމަށްފަހު ވެސް ދިވެހި ޓީމަށް އެއްވަރުކުރަން ފުރުސަތުތައް ލިބުނެވެ. އެގޮތުން ރިޒޭ ބޮލުން ފޮނުވާލި ހަމަލާ މެލޭޝިޔާގެ ކީޕަރު ދިފާއު ކުރިއިރު އޭގެ ފަހުން ޒުވާން ކުޅުންތެރިއާ ހަސަން ނަޒީމް (ޗޯޓު) އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒެއް ނުވިއެވެ.

މެޗުން ބަލިވިކަމުގައިވިޔަސް ރާއްޖެ ޓީމުގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުވެސް ޓްރެއިނިން މެޗުތަކަކާ ނުލައި ކުޅުނުއިރު ފިލިޕީންސް އާއި ގުއާމް މެޗުގެ ކުރިން ޓްރެއިނިން މެޗެއް ކުޅުމަކީ ކޭމްޕް ދަތުރުގައި ޓީމްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

ވޯލްޑް ކޮލިފައިންގައި ރާއްޖެ ފިލިޕީންސް އާއި ގުއާމާ ވާދަކުރާ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ މެދުތެރޭގައެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.