އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 3-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން އަށް ޕޮއިންޓުގެ ލީޑެއް ނަގައި ފުރަތަމަ ފަހަރަށް މި މުބާރާތް ރީބްރޭންޑްވި ފަހުން ކާމިޔާބުކުރުމަށް ފިޔަވަޅެއް ކުރިއަށް އެޅިއިރު އެޓީމުގެ ކޯޗު ޔާގެން ކްލޮޕް އޭނާގެ ކުޅުންތެރިންނަށް ތައުރީފް އޮއްސާލައިފިއެވެ.

މުހައްމަދު ސަލާހު އާއި ފަބީނިއޯގެ އިތުރުން ސާދިއޯ މާނޭގެ ލަނޑުތަކުން ލިވަޕޫލުން ރޭ އެންފީލްޑުގައި އެޓީމުން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދިއިރު ކްލޮޕްގެ ނަޒަރުގައި މި ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ހުއްޓުމެއްނެތި ފެނިގެންދިޔަ ހިތްވަރާއި މިންނެތް މަސަތްކަތް ކަމަށެވެ.

ރޭގެ ފޯރިގަދަ މެޗައްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ސިޓީ އަކީ މޮޅު ކޯޗެއްގެ ދަށުން ކުޅޭ މޮޅު ޓީމެއް ކަމަށާއި 75 ވަނަ މިނެޓާ ހަމައަށް އެޓީމުގެ މައްޗަށް އަތްގަދަކޮށްގެން ކުޅެވުމަކީ ކޮންމެ ކޮންމެ ޓީމަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.

” އަހަރެމެން އެންމެނަށް އިނގޭ ސިޓީގެ ފެންވަރު. އެމީހުންގެ ކޯޗަކީ މޮޅު ކޯޗެއް. ސިޓީ އަކީ އާއްމުގޮތެއްގައި މުޅި މެޗު ޑޮމިނޭޓްކުރާ ބައެއް. މި މެޗުގެ ފަހު ފަނަރަ ވަރަކަށް މިނެޓުގައި އަހަރެމެން ހާސްވި. އެކަމަކު އެއަށްވުރެ ކުރިން ސިޓީގެ މައްޗަށް އަހަރެންގެ ކުޅުންތެރިން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް. އެމީހުން ބަލިކޮށްލުމަކީ ކޮންމެ ޓީމަކަށް ވާނެ ކަމެއް ނޫން. އަހަރެމެން އެޓީމް ބަލިކުރަނީ ވަކިގޮތަކަށް ކުޅެގެން. ސިޓީ ވަރަށް މޮޅަށް ކުޅުނު. އެކަމަކު ލިވަޕޫލުން ޑިފެންޑް ކުރިލެއް މާބޮޑަށްވެސް ފުރިހަމަ،“ ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރީ އާދައިގެ ލަނޑުތަކެއް ނޫންކަމަށާއި ހާއްސަކޮށް އޭރިއާ ބޭރުން މިޑްފީލްޑަރު ފަބީނިއޯ ޖެހި ލަނޑަކީ ވަރަށްވެސް ފުރިހަމަ ލަނޑެއް ކަމަށެވެ.

ރޭގެ މެޗާއެކު އިނގިރޭސި ލީގް ތާވަލަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ފުރަތަމަ 12 މެޗަށް ފަހު ލިވަޕޫލް އެއް ވަނައިގައި އޮތީ 34 ޕޮއިންޓް އެއްކޮށްގެންނެވެ. އެންމެ ގާތުގައި އޮތީ 26 ޕޮއިންޓް ހޯދައިގެން ލެސްޓާ ސިޓީ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޗެލްސީ އެވެ. ރޭގެ މެޗުން މޮޅުވެގެން ލިވަޕޫލާ ތިން ޕޮއިންޓަށް ގާތްކުރެވެން އޮތް ސިޓީ މިވަގުތު މަޑުޖެހިފައި އޮތީ 25 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗާންދަނީ

    ލިވަޕޫލް ކުޅުންތެރިންގެ މޮޅުކަމަށްވުރެއް ލިވަޕޫލް ރެފްރީގެ މޮޅުކަން މިމެޗުން ފެނުނީ ! މީވަރަށް ވާހަކަ ؟ ވރ މުހިންމުކަންވެސް މިމެޗުން ފެނިގެން ދިޔަ !

    4
    15