ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އަފްޢާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުން ޖާގައެއް ހޯދުމަށް މަސަތްކަތް ކުރަމުން އަންނަ އިންޑިއާ އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވެއްްޖެއެވެ.

ކޮލިފައިންގައި މިރޭ އަފްޢާނިސްތާނުގެ ސެންޓްރަލް ރިޕަބްލިކަން ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފަހު މިނެޓާ ހަމައަށް ދިޔައިރު ފަހަތުގައި އޮތް އިންޑިއާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ އެހެން މެޗުތަކާއި ހިލާފަށް ފުދޭ ވަރަކަށް ދަށް ކުޅުމެކެވެ.

މެޗުގައި އަފްޢާނިސްތާނަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒެލްފީ ނަޒާރީ އެވެ. ދެވަނަ ހާފުގައި އިންޑިއާ އިން ތަންކޮޅެއް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އަފްޢާނިސްތާނުގެ ގޯލަށް މާ އެދެވޭ ހަމަލާތަކެއް އެޓީމަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. މުޅި މެޗުގައިހެން ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ އަފްޢާނިސްތާނެވެ. ކޮލިފައިންގައި އަދި މެޗަކުން މޮޅުވެފައިނުވާ އިންޑިއާ ދެވަނަ ބައްޔާއި ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް އެޓީމް ސަލާމަތްކޮށްދިނީ ފަހު ވަގުތު ބޮލުން ކާމިޔާބުކުރި ލަނޑަކުން ސެމިންލެން ޑުންގެލް އެވެ.

މި ނަތީޖާއާއެކު އިންޑިއާ އަށް މިވަގުތު ލިބެނީ ގްރޫޕްގެ ހަތަރު ވަނައެވެ. އިންޑިއާ އަށް ހަތަރު މެޗުން ލިބިފައިވާ ތިން ޕޮއިންޓަކީވެސް އެއްވަރުކޮށްގެން ހޯދާފައިވާ ޕޮއިންޓްތަކެވެ. އެގޮތުން ކޮލިފައިންގައި އޮމާން އަތުން ބަލިވި މެޗަށްފަހު އެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ.

މި ގްރޫޕްގެ އެންމެ ކުރީގައި ދިހަ ޕޮއިންޓާއެކު އޮތީ އޭޝިއާގެ ޗެމްޕިއަން ގަތަރެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮމާން އޮތްއިރު ތިންވަނައިގައި އަފްޢާނިސްތާން އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިގެންނެވެ. މި ގްރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓް ލިބިގެން ބަންގްލަދޭޝް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު

    މެޗް ނިމުމިން އެ މީހުން އުފާ ފާޅުކުރިއިރު ހީވީ ތަށިލިބިގެން އުޅުނުހެން.

    • ރޭޕިސްތާން

      އިންޑިއާ އަކީ ފުޓުބޯޅާގައި ވާނުވާ ނޭންގޭ ބައެއް.