ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ 55 ވަނަ ހެޓްރިކް ފެނިގެންދިޔަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން ލިތުއޭނިއާގެ މަައްޗަށް ފަސޭހަ މޮޅެއް ހޯދައި އަންނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފި އެވެ.

ޕޯޗުގަލްގެ އެސްޓާޑިއޯ އަލްގާވްގައި ރޭ ކުޅުނު މެޗު އެގައުމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށްޓަކައި މަސަތްކަތް ކުރަމުން އަންނަ ޕޯޗުގަލް ކުރިއަށް މި އެޅި ފިޔަވަޅާއެކު އެޓީމަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތް މެޗުން 14 ޕޮއިންޓް ލިބިފައެވެ. ހަތް މެޗުން 19 ޕޮއިންޓް ހަމަކޮށްގެން ގްރޫޕް ބީގެ އެއްވަނައިގައި އޮތް ޔުކްރެއިންގެ ފަހަތުން ޕޯޗުގަލް އަށް ދެވަނަ ލިބޭއިރު ގްރޫޕްގެ ތިންވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެން ސާބިއާ އެވެ.

ކޮލިފައިންގައި ލިތުއޭނިއާ ފިޔަވައި ދެން މިގްރޫޕްގައި ކޮންމެ ޓީމަކަށްވެސް އޮތީ ބާކީ އެންމެ މެޗެކެވެ. ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ޕޯޗުގަލް ލަގްޒެމްބާގާ ދެކޮޅަށް ނުކުންނައިރު ސާބިއާ ވާދަކުރާނީ ޔުކްރެއިން އާއެވެ. މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޔުކްރެއިނުން ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައި ވުމާއެކު ދެވަނަ ޖާގައަށް ވާދަކުރަނީ ޕޯޗުގަލް އާއި ސާބިއާއެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖަހައި ޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ރޮނާލްޑޯ އެވެ. ފުރަތަމަ ހާފުގެ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރިއިރު 22 ވަނަ މިނެޓުގައި ގޮންކާލޯ ޕަކިއެންޝާ ދިން ބޯޅައެއްގައި އިދިކޮޅު އޭރިއާ ބޭރުގައި ހުރެ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑެއްގައި އޮވެ ޕޯޗުގަލް އިން ނިންމާލިއިރު އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޖަހައިދިނީ ބްރޫނޯ ފާނަންޑޭޒް ދިން ބޯޅައެއްގައި ޕިޒީއެވެ. އޭގެ އިރުކޮޅެއް ފަހުން ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަކިއެންޝާ ލަނޑެއް ޖަހައި ސްކޯ ޝީޓުން ޖާގަ ހޯދިއިރު ޕޯޗުގަލްގެ ފަސްވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިލްވާ އެވެ. އޭގެ ތިން މިނެޓު ފަހުން މެންޗެސްޓާ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރުގެ އިތުރު އެސިސްޓަކާއެކު ރޮނާލްޑޯ ވަނީ ލިތުއޭނިއާގެ ގޯލު ހަތް ވަނަ ފަހަރަށް މެޗުގައި ފޫއަޅުވާލައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ގައުމީ ޖާޒީގައި ރޮނާލްޑޯ ރޭ ކާމިޔާބުކުރި ނުވަ ވަނަ ހެޓްރިކާއެކު ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ޖަހައިފައިވާ ލަނޑުގެ އަދަދު ވަނީ 98 އަށް އަރާފައެވެ. ކެރިއަރުގައި މިހާތަނަށް 55 ހެޓްރިކް ހަމަކޮށްފައިވާ ރޮނާލްޑޯ ރޭ ޖެހި ލަނޑުތަކާއެކު، ޖެހިޖެހިގެން ތޭރަ ސީޒަންގައި މަދުވެގެން 30 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް އޭނާ އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮނާލްޑޯ

    ސާރީއަށް ވަރަށް ސަލާމް. އަނިޔާވިކަމަށް ލީގު މެޗުގައި ބޭލީ، 3 ދުވަސް ފަހުން ގައުމީ ޓީމު މެޗުގައި ހެޓްރިކް ހެދީ. އަދިވެސް ގަބޫލެއްނުކުރޭ ޔުވެންޓާސްގެ ކުޅުންތެރިން އަމިއްލަ އެދުން ބޮޑުކަމުން ރޮނާލްޑޯގެ ސްކޯރިން ދައްވަނީކަން

    5
    2